ރައީސް ނަޝީދު ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ދަށްކޮށް އީވާ ދިރިއުޅުއްވާ ގެއަށް ސެކިއުރިޓީ ދިނުން ހުއްޓައިލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ގެކޮޅު، ސިސިލް ހިޔާއަށް ސެކިއުރިޓީ ދިނުން ހުއްޓައިލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގެ ސެކިއުރިޓީ ދަށްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގޭ ސެކިއުރިޓީގެ ގޮތުގައި މިހާރު ހުންނަނީ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ އެއް ބޭފުޅެކެވެ. އަދި އީވާ ދިރިއުޅުއްވާ ގެކޮޅުގައި ކުރިން އެމްއެންޑީއެފް ސިފައިން ހަރަކަތްތެރިވަމުން ދިޔަ ނަމަވެސް މިހާރު ސެކިއުރިޓީ ދިނުން ވަނީ ހުއްޓައިލައިފައެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ކެނެރީގޭ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ހަތިޔާރާ އެކު އެމްއެންޑީއެފް ހަ ބޭފުޅުންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ބޭފުޅަކު ބަހައްޓައިފައި ހުންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރައީސް ނަޝީދު އަވަހަރާކޮށްލަން ދިން އެ ހަމަލާއަށް ފަހު، އީވާގެ ގެކޮޅަށް ވެސް ސެކިއުރިޓީ ދޭން ފެށިއެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ގެކޮޅުތަކަށް ވެސް ސެކިއުރިޓީ ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
އާފިލްމެއް ފެށެނީތަ؟