ނަފުރަތުގެ ބިލާ ދެކޮޅަށް ކުޅުދުއްފުށިން ނުކުތީ އެންމެ 13 މީހުން

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލާ ދެކޮޅަށް މިއަދު ކުޅުދުއްފުށީ ސިޓީގައި ބޭއްވި އެއްވުން މާ ބޮޑު ތަރުހީބެއް ނުލިބި ނިންމައިލައިފިއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި މިއަދު ކުޅުދުއްފުށީގެ ބަންޑާރަ މައިދާނުގައި ނަފްރަތުގެ ބިލާ ދެކޮޅަށް އެއްވުމެއް 4:15ގައި އޮންނާނެ ކަމަށް ރަށު ތެރޭގައި އަޑުގަދަކުރާއިން ގޮވައިފައި ވެއެވެ. ނަމަވެސް އެތަނަށް އެ ވަގުތު އެއްވެފައި ވަނީ ވަރަށް މަދުބައެކެވެ.
ކުޅުދުއްފުށިން "ދެން"އާ ވާހަކަ ދެއްކި މީހަކު ބުނީ އެތަނަށް އެއްވީ އެކަން އިންތިޒާމު ކުރި މީހާއާ އެކު ޖުމުލަ 13 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ފިިރިހެނުންނާއި އަންހެނެކެވެ.
މީހުން މަދު ވުމުގެ ސަބަބުން މި ހަރަކާތުގައި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި ފޮޓޯއެއް ނެގުމަށް ފަހު ފަހެއް ވެސް ނުޖަހަނީސް މި ހަރަކާތް ވަނީ ކުރު ކޮށްލައިފައެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލަރުންނަށް ގުޅައިލުމުން މައުލޫމާތު ލިބޭ ގޮތެއް ނުވިއެވެ.
ނަފުރަތުގެ ބިލު އަނބުރާ ނެގުމަށް މީގެ ކުރިން ކުޅުދުއްފުށީގެ 672 ރައްޔިޔުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޕެޓިޝަނެއް ހުށަހަޅައިފައި ވެއެވެ.
ނަފްރަތުގެ ބިލާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކިކަހަލަ ހަރަކާތްތައް ހިންގަމުން އަންނައިރު ޝުއޫރު ފާޅު ކުރުމަށް ބައެއް ރަށްރަށުގައި ގިނަ ބަޔަކު ނުކުމެގެން ވަނީ ހިނގާލުންތައް ވެސްް ބާއްވައިފައެވެ.







ކޮމެންޓް