ޚަބަރު

ބޭނުންވާ ނަމަ އެކަކު އަނެކަކަށް ފްލެޓު ބަދަލު ކުރެވިދާނެ: ސުހައިލް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2ގައި އިމާރާތް ކުރެވުނު 25 ބުރީގެ އިމާރާތުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ބޭނުންވާ ފަރާތްތަކުން ފްލެޓު ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސުހައިލް ވިދާޅުވީ، އެ ޓަވަރުގެ ތިރިން ފްލެޓު ލިބުނު ފަރާތަކުން މަތިން ފްލެޓެއް ބޭނުންވާ ނަމަ މަތީގައި އުޅޭ ފަރާތާ ވާހަކަ ދައްކައިގެން ދެ ފަރާތުން އެއްބަސް ވެގެން ފްލެޓު ބަދަލު ކުރެވޭނެ ގޮތަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ.

ފްލެޓު އެއްބަސްވުމުގައި ސޮއި ކުރުން އަންނަ މަހު 14 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަހުގެ ކުރިން ފްލެޓު ބަދަލު ކުރުމުގެ ކަންކަން ކުރެވޭތޯ އެފަރާތަކުން ބަލަން ވާނެ ކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހޯދުމަށް ފަހު، ފްލެޓު ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކަށް ފްލެޓުތައް ދައްކާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ފްލެޓުގެ ކުލީގެ ގޮތުގައި 7500 ރުފިޔާ ހަމަޖެހިފައިވާއިރު 1000 ރުފިޔާ ސާވިސް ފީގެ ގޮތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުލި ބަހައިލައިފައި ވަނީ 25 އަހަރަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!