100 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާން ކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް 100 ރުފިޔާގެ ވެރިފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
ހޮވައިގެން ގެނެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ. މި ތަކެއްޗަކީ އެކި މައްސަލަތަކުގެ ތުހުމަތުތަކުގައި ހުއްޓުވި ބައެއް ފަރާތްތަކުގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި، އެތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޖޫން 19 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ޓޫލްސްތަކަކާއި ޖޫން 25 ވަނަ ދުވަހު އިންޑެކްސް ފަރުނީޗަރ ފިހާރަ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާގެ އިތުރުން ޖޫން 26 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ، ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ޕަވަރ އިންވާޓަރެއް ހިމެނޭ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.