އިންސާފު ލިބުމުގެ އުންމީދު ކުޑަ: ރައީސް ނަޝީދުގެ މަންމާފުޅު
ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް އިންސާފު ލިބުމުގެ އުންމީދު ކުޑަ ކަމަށް އެމަނިކުފާނުގެ މަންމާފުޅު އާބިދާ އަހުމަދު ވިދާޅުވެއްޖެއެވެ.
ހަމަލާއަށް މިހާރު ދެ މަސް ދުވަސް ވުމާ ގާތަށް ގޮސްފައިވާ އިރު، މި މައްސަލަ ކުރިއަށްދާ ގޮތާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ "ދެން"އިން ސުވާލު ކުރުމުން އާބިދާ ވިދާޅުވީ މި ޤައުމުގެ ހުރިހާ މައްސަލައެއް ވެސް ދަނީ ދިގުލައިގެން ކަމަށެވެ.
"އޭގައި ދެން އަޅުގަނޑު ބުނާނެ އެއްޗެއް ނެތް. މިތަނުގައި އެހެން ހުރިހާ މައްސަލައެއް ވެސް ދެމިދެމި އޮންނަނީ ނޫންތޯ. ނަޝީދަށް ވެސް ވާނީ އެވަރު ނޫންތޯ. އެހެންވީމަ އަޅުގަނޑު މިހުންނަނީ ރަނގަޅު ޖަވާބެއް ލިބޭނެ ކަމަކަށް ނޫން" ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގޭގެ ސެކިއުރިޓީ ވެސް ވަރުގަދަ ކުރިއެވެ. ނަމަވެސް ޖުލައި 29 ވަނަ ދުވަހުން ފެށިގެން އެ ގެކޮޅުގެ ސެކިއުރިޓީ ވަނީ ދަށް ކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް ނަޝީދުގެ މަންމާފުޅު ވިދާޅުވީ ރައީސް ނަޝީދު އެ ގޭގައި (އެ ގޭގެ އަނެއް ބައިގައި) ހުންނެވި އިރަކު އެއްވެސް ސިފައިންގެ ބޭފުޅަކު އެ ގޯޅި ތެރެއަށް ވެސް ވަޑައިނުގަންނަވާ ކަމަށެވެ.
"އޭނަ ހޮސްޕިޓަލުގައި ދެ ދުވަހު ފުރަތަމަ އޮތް ފަހުން ސިފައިން ފުރަތަމަ މިތަނަށް އައީ ވެސް." ރައީސް ނަޝީދުގެ މަންމާފުޅު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަކަށް ނޭނގެ ފަޅުގެއެއްގެ ކައިރީގައި ސިފައިން ތިބެންވީ ސަބަބެއް ވެސް. އަޅުގަނޑު ވެސް އަހާލިން އެކުދިން ކައިރީގައި ކީއްކުރަންތޯއޭ ތިބޭފުޅުން ވަޑައިގަތީ. އެކުދިން ބުނީ ތިމަންނާމެން ކައިރީގައި ބުނީމަ އައީ އޭ
ރައީސް ނަޝީދުގެ މަންމާފުޅު އިތުރަށް ވިދާޅުވީ އެ ދުވަހު އެކަމަނާ ގޮސް ބަލައިލި އިރު ރައީސް ނަޝީދު ދިރިއުޅުއްވާ ބައިގައި ސިފައިންގެ ފަސް ބޭފުޅުން (ހަށިފާރަވެރިން) ތިއްބެވި ކަމަށެވެ.
އަޅުގަނޑު ވަރަށް ނުރުހުންވި އެވަގުތު. ކަންތައް ވެގެން ދިޔައިރު އެއްވެސް މީހެއް ނެތިފައި މާފަހުން އެ މީހުން އައިސް ތިބީމަ. އެކަމަކު ވެސް އެއްޗެއް ނުބުނަން
މީގެ އިތުރުން އާބިދާ ވިދާޅުވީ މިހާރު އެ ސިފައިންގެ ބޭފުޅުން ނެތް ކަމަށާއި އެހެން ނަމަވެސް ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުގެ ކައިރީގައި (ސިފައިންނަށް ވަކިން އިންނަ ތަންކޮޅެއްގައި) އަދިވެސް ދެ ސިފައިންގެ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ.
"އަޅުގަނޑު އަމިއްލައަށް ވިސްނުމަށް އައީ (ކޮންމެވެސް ޚަބަރެއްގައި ކީ ވިއްޔަ ރައީސް ނަޝީދުގެ މައިންބަފައިންނަށް ހިމާޔަތް އޮތްކަމަށް) އެހެންވީމަ އަޅުގަނޑު ހީކުރީ އަޅުގަނޑުމެން ދެ މީހުންނަށް ބައިތިއްބާފައި ތިބި ދެ މީހުން ކަމަށް އެއީ" ރައީސް ނަޝީދުގެ މަންމާފުޅު ވިދާޅުވިއެވެ.
ސިފައިންގެ އެ ދެ ބޭފުޅުން ވެސް އަދިވެސް އެބަ ތިބި ކަމަށާއި އެ ބޭފުޅުން ތިއްބެވީ ދޮރުމަތީގައި ނޫން ކަމަށް ވެސް ރައީސް ނަޝީދުގެ މަންމާފުޅު ވިދާޅުވިއެވެ.
ކަމަނާގެ ދަރިފުޅު އަނިޔާ ލިބި ފައިވެސް ﷲ ރަޙްމަތްފުޅުން ދުނިޔޭގަ އެބަހުރިތާ ، ރިޟުވާން ގެ މަންމަ މެނަށް ކިހާ އަސަރެއް ކުރާނެ ތޯ