ބާރު އޮތީމައި ބޭނުން ކަމެއް ކުރެވިދާނެ، ވަކީލު ކުރަނީ ﷲއަށް: ޑރ. އިޔާޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީވެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުގައި ހުންނެވި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަތީފު އެ މަގާމުން މިއަދު ވަކި ކުރުމާ ގުޅިގެން، އެމަނިކުފާނު އެކަމަށް ރައްދު ދެއްވައިފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ "އެބޭފުޅުންގެ" ބާރު އޮތީމައި ބޭނުން ކަމެއް ކުރެވިދާނެ ކަމަށާއި އެމަނިކުފާނު ވަކީލު ކުރައްވަނީ މާތް ﷲއަށް ކަމަށެވެ.
"މާތް ﷲ އަޅުގަނޑު ނިކަމެތި ނުކުރައްވާނެ إن شاء الله" ޑރ. އިޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. އިޔާޒު ވިދާޅުވީ، 1 ޖުލައިގެ ކުރިން ޤައުމީ ޔުނިވާސިޓީން އެމަނިކުފާނު ވަކި ކުރައްވާނެ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ވައިސް ޗާންސެލަރ މުޙައްމަދު ޝަރީފު ވިދާޅުވި ކަމަށާއި ފުއްދެވީ އެ ވައުދު ކަމަށެވެ.
ވަޒީފާއިން ވަކި ކުރުމާ ގުޅިގެން ގިނަ ބައެއްގެ ސުވާލުތައް ޑރ. އިޔާޒަށް އަމާޒުވެފައި ވުމުން އެމަނިކުފާނު ވަނީ އެ ސުވާލުތަކުގެ ޖަވާބެއްގެ ގޮތުގައި ޓްވީޓެއް ވެސް ކުރައްވައިފައެވެ.
https://twitter.com/dr_iyaz/status/1410573436967997441?s=20
ޑރ. އިޔާޒް މިއަދު ވަކިކޮށްފައި މިވަނީ، އެމަނިކުފާނަކީ އަންހެންކުދިން ޚިތާނުކުރުމަށް ހިތްވަރުދޭ މީހެއްކަމަށް ބުނެ ފަހަކަށް އައިސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދުވަސްވަރެއްގައެވެ.
އެގޮތުން "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)އަށް ހިތްވަރު ދިން ކަމަށް ބުނެ ޑރ. އިޔާޒާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
ފާޑުކިޔުންތަކާއި ތުހުމަތުތަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ޑރ. އިޔާޒް ވަނީ ބަޔާނެއް ވެސް ނެރުއްވައިފައެވެ. އެބަޔާނުގައި އެމަނިކުފާނު ވިދާޅުވީ އަންހެންކުދިން ޚިތާނު ކުރަން ހިތްވަރު ދޭފަދަ ގޮތަކަށް އެއްވެސް އިރަކު ވާހަކަ ނުދައްކަވާ ކަމަށެވެ.






ކޮމެންޓް