ޤައުމީ ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރުން ހަރުކަށި ފިކުރަށް ތާއީދުކުރާ ކަމުގެ ތުހުމަތު

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ކިޔަވަމުންދާ ދަރިވަރުން ހަރުކަށި ފިކުރަށް ތާއީދު ކުރާކަން ފާހަގަކުރެވޭތީ އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އާ ހިއްސާކޮށްފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވައިލި "މެއި6" ކޮމިޓީން ބުނެފިއެވެ.
އެމްޑީޕީން އެކުލަވައިލި "މެއި 6" ކޮމިޓީއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭހެން އެކުލަވައިލައިފައިވަ ފަސް މެމްބަރުންގެ ކޮމިޓީއެކެވެ. ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހު މި ކޮމިޓީން ގައުމީ މަޖިލީހަށް، އެ ކޮމިޓީގެ ހޯދުންތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރެއެވެ.
އެ ކޮމިޓީގެ ފަރާތުން ރޭގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، އެ މައްސަލައިގައި ފާހަގަ ކުރެވޭ ކަންކަމާ ބެހޭ މައުލޫމާތު ހިއްސާކޮށްދޭން އެދި އިދާރާތަކާ ބައްދަލު ކުރި ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނާ އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ މައުލޫމާތުތައް ހިއްސާކުރައްވަމުން އަފީފް ވިދާޅުވީ، ހިޔުމަން ރައިޓްސްއިން އެ މައްސަލަ ގާތުން ބަލަމުންދާއިރު ހަމަލާ ހިނގި ސަރަހައްދުގެ ސައިކަލުތައް ނުނެގި ހުރީ ކޮން ބައެއްގެ އިހުމާލުންތޯ ދެނެގަތުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ރާއްޖޭގައި ނަފްރަތު އުފެއްދުމާއި، އަދި ނަފްރަތުގެ ބަސްތައް ބޭނުން ކުރުން އާއްމުކަމަކަށް ވެފައިވާއިރު އެ މައްސަލައިގައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކޮމިޝަންގެ ލަފައަކަށް އެދުނިން. އަދި ކޮމިޝަނުން ދިން ޖަވާބަކީ މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މަރުހަލާގައި އޮތް ނަފްރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލަށް ހިޔާލު ހުށަހަޅާފައިވާނޭ" އަފީފު ވިދާޅުވިއެވެ.
މީގެ އިތުރުން އަފީފް ވިދާޅުވީ މުޖްތަމައުގެ ތެރޭގައި މިފަދަ އަމަލުތައް ހުއްޓުވުމާ ބެހޭ ގޮތުން ކޮމިޝަނާ އެކު މަޝްވަރާތައް ކުރެވުނު ކަމަށެވެ. ހާއްސަކޮށް ރާއްޖޭގައި ތައުލީމު އުނގަންނައިދޭ މަދަރުސާތަކުގައި ދަރިވަރުންނަށް "ހިއުމަން ރައިޓްސް" އޭންގަލްއަކުން މައުލޫމާތުތައް ލިބި، އެ މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނުކަމަށް އަފީފް ވިދާޅުވިއެވެ. އަދި ވަކި ގްރޭޑަކުން މަތީގެ ދަރިވަރުންނަށް ސިވިކްސް ނުވަތަ ދައުލަތެއް ހިނގާ ގޮތް ސާފުކޮށް ދިނުމުގެ މުހިންމުކަން އޭގެ ތެރޭގައި ހިމެނޭކަމަށް ވެސް ވިދާޅުވިއެވެ.





ކޮމެންޓް