އިޔާޒްގެ ދިފާޢުގައި އަދާލަތު ޕާޓީ: ބަހުސްތައް ހިނގާނެ، ހަގީގަތް ބަޔާންކުރުމަކީ އެ ރައުޔަކަށް ބުރަވުމެއް ނޫން
އިސްލާމީ ބަހުސްތައް ހިނގާނެ ކަމަށާއި ހަގީގަތް ބަޔާންކުރުމަކީ އެ ރައުޔަކަށް ބުރަވުމެއް ނޫންކަމަށް ވިދާޅުވެ އިޔާޒްގެ ދިފާޢުގައި އަދާލަތު ޕާޓީ ނިކުމެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފް ވަކިކުރުމާ ގުޅިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައި ހުންނެވި ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. އިޔާޒް އެ ޔުނިވާސިޓީން ވަކިކުރުމަކީ އެފަދަ މަޤާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވައި، ދިވެހި ރައްޔިތުންގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާ މެދު، ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅައިފައިވާ ފިޔަވަޅެއް ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް އެފަދަ ސަބަބެއް ވެސް އަދި ޙާލަތެއް ވެސް ނެތި މިފަދަ ފިޔަވަޅުތައް ދީނީ ޢިލްމުވެރިންނާ މެދު އެޅުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ޑރ. މުޙައްމަދު ޢިޔާޟް
ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ޙާލު އެނިންމުން ބާޠިލުކޮށް އެމަނިކުފާނު ކުރިން ހުންނެވި މަޤާމަށް އަނބުރާ އިޢާދަކުރުމަށް ގޮވާލާކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ޢިލްމުވެރިން ދައްކަވާ ޢިލްމީ ވާހަކަފުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިސްލާމީ ޝަރީޢަތުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާ އެކު ކުރެވޭ ޢިލްމީ ބަހުސްތަކާއި މުނާޡަރާތަކަށް އޮންނަން ޖެހޭ ތަނަވަސް ޖާގަ ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
މީގެ އިތުރުން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ދެކޭގޮތުގައި، މުޙައްމަދު ޢިޔާޟުއާ މެދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ދިވެހިރާއްޖޭގައި ހިންގޭ ޢުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާ އެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި މި ކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރުކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.