ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި
މޫސް ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް)އިން ބުނީ، އއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށާއި އެ ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިއަދު 15:15 އިން ފެށިގެން މިރޭ 08:15އާ ހަމަޔަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިޔަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އޭގެ އިތުރުން މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ވައި ގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މަޢުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާޞަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން ޚާއްޞަކޮށް ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމާތު ޙިއްސާކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.