ވޯކް ޕާމިޓް ހޯލްޑަރުން ކަރަންޓީނުގެ ޚަރަދުތައް ކުރަން ޖެހޭނީ އަމިއްލައަށް
މިހަފްތާއިން ފެށިގެން ދެކުނު އޭޝިޔާއިން ރާއްޖެއަށް އަންނަ ވޯކް ޕާމިޓް ހޯލްޑަރުން ކަރަންޓީނު ވާން ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ އަމިއްލައަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ދެކުނު އޭޝިޔާގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް ފެތުރުމުގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެއަށް މީހުން އައުންް މަނާކޮށްފައި އޮތުމަށް ފަހު އަލުން އެގަައުމުތަކުން މީހުން އައުމަށް ހުއްދަ ދީފައި ވަނީ މިޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އެހެން ނަމަވެސް އެމީހުން ރާއްޖެ އައިސް ކަރަންޓީނު ވާން ޖެހޭ އިރު އެމީހުންގެ ކަރަންޓީނު ހަރަދުތައް ކުރާނީ އެމީހުންގެ އަމިއްލަ ޖީބުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ހެލްތް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ބިދޭސީން ކަރަންޓީނު ވާން ހޮޓާ އަދި ގެސްޓްހައުސް ހަމަޖައްސަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފައެވެ.
އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ބުނި ގޮތުގައި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވެވޭނީ އެންމެންނަށް އޮންނަ އުސޫލުގެ ތެރެއިން 92 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހުށައަޅައިގެންނެވެ. އަދި ރާއްޖެ އައުމަށް ފަހު 48 - 72 ގަޑިއިރުގެ ތެރޭގައި އިތުރު ޕީސީއާރް ޓެސްޓެއް ހަދަން ޖެހެއެވެ.