ޚަބަރު

ޑަބްލިޔުއެޗްއޯގެ އެހީއެއް ރާއްޖެއަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން 19500 ޓެސްޓުކިޓާއި ރެޕިޑް ރެސްޕޯންސް ޓީމު (އާރުއާރުޓީ)ން ބޭނުން ކުރުމަށް 6 ސައިކަލު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު ހަދިޔާ ކޮށްފިއެވެ.

Ads by STELCO

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ޑަބްލިޔުއެޗްއޯއިން ދިން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ. އަދި ޑަބްލިޔުއެޗްއޯއިން މި ތަކެތި ރާއްޖެއާ ހަވާލު ކުރެއްވީ އެ އިދާރާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑރ. ނާޒްނީން އަންވަރެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މި ތަކެތީގެ ތެރޭގައި ކޮވިޑާ ގުޅިގެން ބޭނުންވާ ބޭސްތަކާއި 11 ޖީން އެކްސްޕާޓް މެޝިނާއި 10 އޮޓޯކްލޭވް އަދި ކޮވިޑާ ގުޅިގެން ހަރަކާތްތެރިވާ އާރުއާރުޓީ ޓީމުން ބޭނުންކުރުމަށް ހަ މޮޓޯ ސައިކަލު ހިމެނޭ ކަމަށެވެ. ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ހަދިޔާކުރީ 19،500 ޓެސްޓް ކިޓު ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ މި ލިބުނު 11 ޖީން އެކްސްޕާޓް މެޝިނާ އެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލުތަކުގައި މެޝިންތައް ބަހައްޓައި ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބަހައްޓައި، ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ރައްކާތެރިކޮށް ނައްތައިލުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރެން ފެށީއްސުރެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު މި ބައްޔަށް ޓެސްޓުކުރުމަށް ބޭނުންވާ މެޝިނާއި ޓެސްޓް ކިޓްގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ފޯރުކޮށްދީފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!