ލައިފްސްޓައިލް

ކޮންމެވެސް ވަގުތެއް މަންމައަށް ހުސްކުރާށެވެ. ނޫން ނަމަ ފަހުން ކުރަންޖެެހޭ ހިތާމަ މާ ބޮޑު ވެދާނެއެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބުނެ އުޅޭތީ އަޑު އަހަމުއެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައެވެ. މައިމީހާ ހިތްދަތިކޮށް އެއްވެސް އުފަލެއް މިދުނިޔޭގައި ނެތް ކަން އަބަދުވެސް އަޑު އަހަމުއެވެ. ހަގީގަތުގައި ވެސް އެއީ ތެދެކެވެ. މައިމީހާ ތިބާއާ މެދު ކުރާ ހިތާމައިން އޭނާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނު ނަމަވެސް ތިބާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

Ads by STELCO

ސުކޫލުގައި ކިޔަވަން އުޅުނު އިރު ވެސް، އަހަރެން ސުކޫލަށް ދާތީ އެ މަންމަ ނުހަނު އުފާވެއެވެ. އަހަރެންނަށް ސުކޫލަށް ދެވޭތީ އެކަމަށް ޓަކައި މަންމަގެ މޫނު މަތިން ފެންނަ އުޖާލާ ހިނިތުންވުމާ އެކު ވަނީ ނުހަނު ފޮނި އުއްމީދު ތަކެކެވެ. އޭރު އަހަރެންނަށް އެހުރިހާ މަންޒަރުތަކެއް ފެނުނު ނަމަވެސް އަހަރެންނަށް އެކަންތައް ނަގައިނުގަނެވުނީއެެވެ.

މިއަދު އެހެން ކުދިންގެ މަންމައިންގެ މޫނު މަތިން އުޖާލާ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އަހަރެން ހިތަށް އަރައެވެ. އަހަރެންނަށް އަދި އެއްފަހަރު އެ ފުރުސަތު ލިބޭނެ ނަމައެވެ. ބައެއް ކުދިން މިއަދު ވެސް އަޑަށް ބާރުލާ ބުނެއެވެ. ސުކޫލަށް ދަނީ މަންމަ ބުނެގެންނެވެ. މަންމަ ސުކޫލަށް ދާން ބުނަނީ ކީއްވެކަމެއް އެއްވެސް ކުއްޖަކު ވިސްނާލީމު ހެއްޔެވެ؟ އެއީ އެ މައިމީހާގެ ހިތުގައި ދަރިއަށް ޓަކައި ކުރާ އުއްމީދުގެ ބޮޑުކަމުންނެވެ. ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ހޯދައި ދިނުމަށް އެމައިމީހާ އެ ހުރީ ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ތައްޔާރަށެވެ.

ވީއިރު މިއަދު އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ސުކޫލު ނިންމައިލުމަށް ފަހު އެއްވެސް ކަމެއް ނެތި މަގުމަތީގައި ދުވެ ހަދާ ހެއްޔެވެ؟ މާލެ އައިސް އެ މައިމީހާގެ ހާލު ބަލައި ނުލާ، ވަގުތީ އުފާ ހޯދުމުގައި އެބަ ތިބި ހެއްޔެވެ؟ އެ މައިމީހާ ދަރިފުޅު މަތިން ހަނދުމަކޮށް އެ ދެ ލޮލުން އަދިވެސް މައިވަންތަކަމުގެ ކަރުނަ ފޫއްދާލައެވެ. ވިސްނާކަށް ނުވޭ ހެއްޔެވެ؟

މިއަދު ތިބާ އާއެކު މި ވަގުތީ ދުނިޔޭގައި ތިބާ މަންމަ އެބަ ހުއްޓެވެ. އެހެން ނަމަވެސް މަންމަގެ ލޯބިން ކުޑަކުޑަައިރުން ފެށިގެން މަހުރޫމު ވެފައި ތިބި ކިތައް ކުދިން އެބަ ތިބިކަން ވިސްނައިލާށެވެ. އެކުދިން އެކުދިންގެ މައިމީހާގެ ފިރުމުންތަކަށް އެދި އާދޭސް ކުރާ ވަރު ތިބާގެ ހިތަށް ނުވެސް ގެނެވޭނެއެވެ. އެއީ ތިބާގެ މަންމަ ތިބާ ގާތުގައި ވީތީއެވެ. އެހެން ނަމަވެސް ތިބާ އެ މައިމީހާއާ މެދު ކަންތައް ކުރަނީ ހިތަށް އެރި ގޮތަކަށެވެ. އެމައިމީިހާ ހިތުގައި ޖެއްްސުމަށް ފަހު ރައްޓެހިންނާ އެކު ކޮފީތަކާއި ހީ ސަކަރާތް ޖެހުމުގައި ތިބާ މާ "ބިޒީ" އެވެ.

ނިކަން ވިސްނާލާށެވެ. އެކުވެރިންނާއެކު ވަގުތު ހޭދަ ކުރަމުން ދާއިރު މަންމަ ތިބާ ދޫކޮށް ދާއިމީ ދުނިޔެއަށް ދަތުރު ކުރާނީ ކޮން އިރަކުން ކަމެއް ތިބާއަށް އެނގޭ ހެއްޔެވެ؟ މަންމަ ނެތުމުން ހިތަށް ކުރާނެ އަސަރު ތިބާއަށް އެނގޭ ހެއްޔެވެ؟ ވަގުތު ފާއިތު ނުވަނީސް މަންމައަށް ދޭންވާ ލޯތްބާއި އަޅައިލުން އެ މަންމައަށް ދޭށެވެ. ނޫންނަމަ ފަހުން އެކަމާ ކުރަން ޖެހޭ ހިތާމަ މާ ބޮޑު ވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!