ޚަބަރު

ނަޝީދަށް މިވަރު ކަމެއް ވުމުން އެމްޑީޕީ ފިލައި ތިބެން ލަދު ގަންނަން ޖެހޭ: އާދަމް ޝަރީފް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

މިދިޔަ މެއި މަހު 6 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ވަގުތު އެމްޑީޕީން ތިބީ ފިލައި ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ތުހުމަތު ކުރައްވައިފިއެވެ.

Ads by MWSC

އާދަމް ޝަރީފް މިހެން ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އާދަމް ޝަރީފް ވިދާޅުވީ، ޓެރަރިޒަމްގެ ކަންކަން އިސްލާހު ކުރަން ސަރުކާރުގެ އޮތް ސިޔާސަތު ކަމަކު ނުދާކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ޓެރަރިޒަމްގެ ކަންކަން ހުއްޓުމަކަށް ގެނެވެން އޮތީ ވިސްނުން ދޮވެލަމުންދާ އާންމު މީހުންގެ މައްޗަށް ހިކުމަތްތެރި ސިޔާސަތުތަކެއް އެކުލާވައިލެވިގެން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުންގެ ވިސްނުން އަދިވެސް އޮތީ ރައްޔިތުންގެ މެދުގައި އިތުރު ނުތަނަވަސްކަމާއި ނަފުރަތު އުފައްދަން ޖާގަ ލިބޭ ގޮތަށް ޖަދަލު ކުރުމުގެ ކަންކަން އިސްވާނެ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދަށް އިންސާފު ހޯއްދެވުމަށް ކުރެވުނު ކަމެއް ނެތް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކުރެވުނު ކަމަކީ ކޮބައިކަމަށް ވިދާޅުވެ އާދަމް ޝަރީފް ވަނީ ސުވާލު ކުރައްވައިފައެވެ. އާދަމް ޝަރީފް ވިދާޅުވީ، ޓެރަރިޒަމް ހުއްޓުވުމުގެ ވާހަކައާއި، އިންސާފުގެ ވާހަކަ ދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ، ރައީސް ނަޝީދަށް އިންސާފު ލިބެން އޮތީ އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީ އިސްވެ ތިބެ އެކުލަވައިލާ ސަރުކާރަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!