ޚަބަރު

ދިވެހިބަހުން ލިޔެފައިވާ ނަސާރާދީނުގެ ލިޔުންތައް ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރޭ: ކަސްޓަމްސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
މޯލްޑިވްސް ކަސްޓަމްސް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޕޯސްޓްގެ ޒަރިއްޔާއިން ދިވެހިރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލައި ފާސްކުރުމުގެ ތެރޭގައި، މިފަހަކަށް އައިސް ނަޞާރާ ދީނުގެ މަޢުލޫމާތު ދިވެހިބަހުން ލިޔެފައިވާ ލިޔުންތައް ބޭރުގެ އެކިއެކި ފަރާތްތަކުގެ ނަމުގައި ދިވެހިރާއްޖެއަށް ފޮނުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާކަމަށް ކަަސްޓަމްސްއިން ބުނެފިއެވެ.

Ads by STELCO

ކަސްޓަމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނަޞާރާ ދީނުގެ މަޢުލޫމާތު ދިވެހިބަހުން ލިޔެފައިވާ މި ލިޔުންތައް ދިވެހިރާއްޖެއަށް ފޮނުވައިފައި ހުންނަނީ ސިޓީއުރަ ކުރެވި، ދިވެހިރާއްޖޭގެ ތަފާތު މުއައްސަސާތަކާއި، ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ ފަރުދުންނަށް އެޑްރެސް ކޮށްފައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ކަސްޓަމްސްއިން ބެލި ބެލުމުން، މިކަމަކީ އެލިޔުންތައް އެޑްރެސް ކޮށްފައިވާ ފަރާތްތަކަށް އެނގުމަކާ ނުލައި، އޮޅުވާލުމެއްގެ ތެރެއިން ކުރަމުންދާ ކަމެއްކަމަށް ބެލެވޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޤާނޫނު ނަންބަރު 6/94 (ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަންބަރުގެ ދަށުން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ދިވެހިރާއްޖެ ގެނައުމާއި، އެފަދަ ފޮތްތައް އިޝްތިހާރުކުރުމާއި، ދިވެހިންނަށް ދެއްކުމާއި، އެފަދަ ފޮތްތަކުގެ މަޢުރަޟުތައް ބޭއްވުމާއި، ވިއްކުމާއި، ދިނުމާއި ދިވެހިރާއްޖޭގައި ޢާންމުކޮށް ފެންނަގޮތަށް ގެންގުޅުމަކީ މަނާކަމެއް ކަމަަށެވެ. އަދި ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތް، މަޖައްލާ، ނޫސް ފަދަ ތަކެއްޗާއި، މިފަދަ ވާހަކައާއި މަންޒަރު އަޅާފައި ހުންނަ ޓޭޕް، ޑިސްކު ފަދަ ތަކެއްޗާއި، އިސްލާމްދީނަށް އިހާނެތިކޮށް ހިތްފަދަ ތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ފެތުރުމަކީ ވެސް މަނާކަންތައްތައް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ 4 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިފަދަ ލިޔުންތައް ދިވެހިރާއްޖެއަށް އެތެރެވިޔަ ނުދީ ކަސްޓަމްސްއިން އަންނަނީ ހިފަހައްޓަމުން ކަމަށާއި އަދި މިކަމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހޯދައި މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީޤްކުރަމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!