މަސް ދުވަސް ފަހުން ކެންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ބ.ކެންދޫން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި މަސް ދުވަސް ވަންދެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފައި އޮތުމަށް ފަހު ރަށް މޮނިޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެނެސްފިއެވެ.
ކެންދޫން ކޮވިޑް-19 ވޭދަނައެއް ފެނި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތަށް ލެވުނީ މިދިޔަ މޭ މަހުގެ 27 ވަނަ ދުވަހުއެވެ.
ކެންދޫން މިހާތަނަށް 1102 ސުންކު ނަގައިފައިވެއެވެ. އަދި އިއްޔެގެ އިރުއޮއްސި 6:00އާ ހަމައަށް ނަތީޖާ ނުލިބޭ 30 ސުންކެއް އެބަ ހުއްޓެވެ. އެ ރަށުން މިހާތަނަށް ޖުމުލަ 77 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. އަދި ރަށް މިއަދު މޮނިޓަރިންގެ ހާލަތުން ނަގައިފައިވާއިރު ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި އެރަށުގައި މިހާރު ތިބީ 4 މީހުންނެވެ.
ބ. އަތޮޅުގައި ކެންދޫގެ އިތުރުން އެ އަތޮޅުގެ ތުޅާދޫން ވެސް ކޮވިޑް-19ގެ ފައްސި ވޭދަނަތަކެއް ފެނިފައި ވެއެވެ. އެ ހުރިހާ ރަށެއް ވެސް މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް މިހާރު ވަނީ ބަދަލު ކޮށްފައެވެ.