ޚަބަރު

ވެކްސިން ޖަހަން ކުޅުދުއްފުށީގައި ކިޔު ދަމައިލީ ބޯ ވާރޭގައި، ރައްޔިތުންގެ ކަންބޮޑުވުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށީ ސިޓީގައި ވެހެމުންދާ ބޯ ވާރޭގައި ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުމަށް އެ ސިޓީގެ އުފަން ހިޔާ ސަރަހައްދުގައި ގިނަ ބަޔަކު ކިޔު ދަމައިލައިފިއެވެ.

Ads by STELCO

މެންދުރު ފަހު ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔުއަށް އަރަން ފެށި އިރު ވެސް އެ ސިޓީއަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ކަމަށާއި ވައި ވެސް ވަރަށް ގަދަ ކަމަށް އެ ރަށުން "ދެން"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ. ބޯކޮށް ވާރޭ ވެހުނު ނަމަވެސް ގިނަ ބަޔަކު ކިޔުއަށް އެރި ކަމަށާއި އެރަށުގެ އުފަން ހިޔާއިން ފެށިގެން ބަންޑާރަ މަގާ ހަމައަށް ކިޔު ދަމައިލައިފައި އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ވެހޭހާ ވާރެއެއްގައި ވެކްސިން ޖަހަން ކިޔޫގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ގިނަ ރައްޔިތުންތަކެއް ފާޑު ކިޔަމުން އަންނަ ކަމަށެވެ. އަދި އެ ސިޓީއަކީ ގިނަ ހޯލްތަކެއް ހުރި ރަށެއް ކަމުން އެއަށް ވުރެ ރަނގަޅަށް އިންތިޒާމު ކުރެވޭނެކަމަށް ވެސް ބުނެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބަހެއް ހޯދައިލުމަށް ގުޅުމުން ފޯނު ނުނަންގަވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކުޅުދުއްފުއްޓަށް ކޮވިޝީލްޑްގެ ވެކްސިން އަލުން ލިބިފައިވާތީ އިއްޔެ ވަނީ ހަފްތާ ބަންދުގައި ދެވަނަ ޑޯޒް ޖަހާނެކަން އިޢުލާން ކޮށްފައެވެ. އެގޮތުން ހުކުރު އަދި ހޮނިހިރު ދުވަހަށް 500 ނަންބަރު ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި ހުކުރު ދުވަހު ދޫކުރާނީ 300 ނަންބަރު ކަމަށާއި ހޮނިހިރު ދުވަހު ދޫކުރާނީ 200 ނަންބަރު ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އިއުލާން ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!