ދީން

ތިމާ ދިރިއުޅޭ ރަށުގައި އުޟްޙިޔާ ކަތިލުން އަގުބޮޑުކަމުން އެހެން ރަށެއްގައި ކަތިލުމަށް ފައިސާ ފޮނުވިދާނެތަ؟

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަޑުމެން ރަށުގައި އުޟްޙިޔާ ކަތިލުމަކީ ވަރަށް އަގުބޮޑު ކަމެކެވެ. އެހެންކަމުން، ތަންކޮޅެއް އަގު ހެޔޮކޮށް ކަތިލެވޭ ގައުމަކަށް ފައިސާ ފޮނުވައިގެން ކަތިލުމަކީ ކޮންކަހަލަ ކަމެއްތޯ؟

Ads by Hajj Corporation

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ސުންނަތް ގޮތަކީ ކޮންމެ މުސްލިމަކު ވެސް އެމީހަކު ހުރި ރަށެއްގައި އުޟްޙިޔާ ކަތިލުމެވެ. އެހެން ގައުމެއްގައި ކަތިލުމުން ވަރަށް ބައިވަރު މަޞާލިޙްތަކެއް ގެއްލިގެން ދެއެވެ. އޭގެ ތެރޭގައި:

  1. ތިމާ ދިރުއުޅޭ ގައުމުގައި ﷲގެ ޝިޢާރު ފާޅުކުރުމުން ދުރުހެލިވެވުން.
  2. ބޮޑަށް ސުންނަތްވެގެންވާ ގޮތަކީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ އަތުން އުޟްޙިޔާ ކަތިލުމެވެ. އެހެން ގައުމަކަށް ފައިސާ ފޮނުވައިގެން ކަތިލުމުން އެ ސުންނަތް އަދާ ނުކުރެވުނީއެވެ.
  3. އުޟްޙިޔާ ކަތިލުމުގެ ކުރިން ﷲގެ އިސްމުފުޅު ކިޔަން ޖެހެއެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލާކަމަށްވަނީ ނަމަ ކަތިލާ މީހުން ﷲގެ އިސްމުފުޅު ކީކަމެއް ނުވަތަ ނޫންކަމެއް ނޭނގޭނެއެވެ. ނަމަވެސް ތިމާގެ އަމިއްލަ އަތުން ކަތިލާ ނަމަ އެކަން ޔަގީންވާނެއެވެ.
  4. އުޟްޙިޔާގެ ގޮތުގައި ކަތިލާ އެތިން އެތިކޮޅެއް ކެއުމަކީ ސުންނަތެކެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލައިފިނަމަ އެސުންނަތް އަދާ ނުކުރެވުނީއެވެ. ސޫރަތުލް ޙައްޖުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ‌) މާނައަކީ: " ފަހެ، ތިޔަބައިމީހުން އެއިން ކައި އުޅޭށެވެ! އަދި ދަތިحال ގައިވާ فقيرންނަށް (އެއިން) ކާންދޭށެވެ!" ހަމަ އެސޫރަތުގެ 36 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. (فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ‌ ) މާނައަކީ: " ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށް އެދި سؤال ކުރާ فقير ންނާއި، سؤال ނުކުރާ فقيرންނަށް ވެސް އެއިން ކާންދޭށެވެ!"

5- ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާއިން ޞަދަގާތް ކުރުން ވާޖިބުވާ ފަދައިން އެއިން       ކެއުމަކީ ވެސް ވާޖިބު ކަމެކެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލައިފި ނަމަ މިކަމުން           މަޙްރޫމްވާނެއެވެ.

6- އެހެން ގައުމެއްގައި ކަތިލުމުން އުޟްޙިޔާ ބަހަން ޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ބެހުމުގެ ފުރުޞަތު ބޮޑެވެ. އުޟްޙިޔާއިން އެއްބައި ކައިފައި އަނެއް ބައި ރަށްޓެހިންނަށް ހަދިޔާކޮށްފައި، އަނެއް ބައި ފަގީރުންނަށް ޞަދަގާތް ކުރަން ޖެހެއެވެ. ބޭރު ގައުމެއްގައި ކަތިލައިފި ނަމަ އުޟްޙިޔާ ބެހިގެންދަނީ ކޮންގޮތަކަށް ކަމެއް ތިމާއަކަށް ނޭނގޭނެއެވެ.

7- އެހެން ގައުމެއްގައި ކަތިލާ ނަމަ، އުޟްޙިޔާ ކަތިލެވެނީ އެންމެ ރަނގަޅު ގޮތަށް ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭނެއެވެ. ފަހަރުގައި ޢީދު ނަމާދަށް ވުރެ ކުރިން ވެސް ކަތިލަފާނެއެވެ. ނޫން ނަމަ އައްޔާމުއްތަޝްރީގު ތިން ދުވަސް ފަހުން ވެސް ކަތިލަފާނެއެވެ. ނޫން ނަމަ ބިސްމިﷲ ނުކިޔާ ވެސް ކަތިލަފާނެއެވެ. ނަމަވެސް ތިމާ އަމިއްލައަށް ކަތިލާނަމަ މިހުރިހާ ޝައްކާއި ވަހުމްތަކުން ސަލާމަތްވީއެވެ.

މި ސަބަބުތަކަށް ޓަކައި އުޟްޙިޔާ ކަތިލަން ވާނީ އެމީހަކު ދިރިއުޅޭ ރަށެއްގައެވެ. ﷲ ތަނަވަސްކަން ދެއްވައިފައިވާ މީހުން ކަތިލާނީއެވެ. ތަނަވަސްކަން ނެތްނަމަ ކަތިނުލާނީއެވެ. والله أعلم.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!