ރައީސް ޔާމީނު ވެރިކަންކުރީ ހީވެސް ނުކުރާހާ އަނިޔާ ވެރިކޮށް، އެކީ މަސައްކަތް ކުރާކަށް ނެތިން: ރޮޒައިނާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވީ ހީވެސް ނުކުރާހާ އަނިޔާވެރިކޮށް ކަމަށާއި އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ރައީސް ޔާމީންއާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއާ އެކު ސިޔާސީގޮތުން އެކުވެވެން ނެތް ކަމަށާއި ރައީސް ޔާމީނުގެ އެހީއަށް އެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަށް ވަނީ ވެސް ރައީސް ޔާމީން ވެރިކަން ދާނެ ގޮތް އެނގި އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތްކުރަން ކަމަށެވެ.
"އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ރައީސް ޔާމީންއާ އެކު މަސައްކަތް ކުރާކަށް ނެތިން. އެމްޑީޕީއަށް ވަނީ ވެސް ރައީސް ޔާމީން ވެރިކަންދާނެ ގޮތް އެނގި އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތްކުރަންް. ރައީސް ޔާމީނު ވެރިކަން ކުރީ ހީވެސް ނުކުރާހާ އަނިޔާ ވެރިކޮށް. ނުބައިކޮށް. ވައްކަން ސާބިތުވެ ޖަލު ހުކުމެއްގައި ހުރީ" ރޮޒައިނާ ވިދާޅުވިއެވެ.
https://twitter.com/Roxeyna/status/1414722661519826944
އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރައީސް ޞާލިހްއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ނުވެސް ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނާއި ރައީސް ޞާލިޙް މިހާރު ފިކުރީ ގޮތުން ޚިޔާލު ތަފާތުކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ބައެއް ބޭފުޅުން ހިތްހަމަ ނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެމަނިކުފާނު އެބޭފުޅުންގެ އެހީއަށް އެދިލައްވާނެ ކަމަށެވެ.







ކޮމެންޓް