ޚަބަރު

އަންހެނުންގެ ޑޮކްޓަރު މަގާމުން އެކަހެރި ކުރަން ވާނީ އެދިފައި: ފުވައްމުލަކު ސިޓީ ކައުންސިލް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތްކުރައްވަމުން ގެންދަވާ އަންހެނުންގެ ޚާއްޞަ ޑޮކްޓަރުގެ ފަރާތުން މާބަނޑުމީހުންނާއި ދަރިންގެ ފުރާނަޔަށް ގެއްލުންވާ ފަދަ ބައެއް ޙާދިޘާތައް ހިގަމުންދާކަމުގެ ޝަކުވާ ކައުންސިލަށް ހުށައެޅި، އެމައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމުުގައިވާތީ އޭނާ ވަގުތުން ވަގުތަށް މަސައްކަތުން އެކަހެރިކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީއަށާއި ހޮސްޕިޓަލުގެ
މެނޭޖްމަންޓުގައި އެދިފައިވާނެ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފުވައްމުލަކު ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އަންހެނުންގެ ޑޮކްޓަރާ ގުޅޭ ގޮތުން ޝަކުވާތަކެއް އެކައުންސިލަށް ހުށައެޅުމާ ގުޅިގެން 12 ޖުލައި ވީ ހޯމަ ދުވަހު ކައުންސިލުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ފަހު ، ހޮސްޕިޓަލުގެ މެނޭޖްމަންޓާ މަޝްވަރާކޮށް، މިކަމަކީ ހޮސްޕިޓަލަށް ޙައްލުވާން އޮތް ކަމެއް ނަމަ ހޮސްޕިޓަލާ އެކު މަޝްވަރާކޮށް އެ ކަންކަން ޙައްލުކުރުމަށް ނިންމައިފައިވާ ކަމަށެވެ. އަދި އެހެން ހައްލު ނުކުރެވޭ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތްކުރުމަށް ނިންމަވައިފައިވާކަމަށް ވެސް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެގޮތުން 15 ޖުލައި 2021 ވީ ބުރާސްފަތި ދުވަހު ކައުންސިލުން ، ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލުކޮށް ކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ވެސް ފުވައްމުލަކު ސިޓީ ކައުންސިލުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

"15 ޖުލައި 2021 ވީ ބުރާސްފަތި ދުވަހު ކައުންސިލުން ވަނީ ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލުކޮށް މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ގޮތުން އަންހެނުންގެ ޑޮކްޓަރާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ ކަންބޮޑުވާންޖެހޭ ވަރުގެ ވާހަކަތަކެއްކަމާއި، އަދި ފާއިތުވި ދެމަސްދުވަހުގެ ތެރޭ ކުރި ސިޒޭރިއަން އޮޕަރޭޝަންތަކުގެ ތެރެއިން ތިން ކޭސްއެއް ވަނީ މައްސަލަތަކެއް ދިމާވެ މާލެ ފޮނުވައިލެވިފައިވާކަން އެނގުނެވެ. އަންހެނުންގެ ޑޮކްޓަރުގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި ހިނގައިފައިވާ ފަދަ ހިތާމަވެރި ޙާދިޘާތައް ތަކުރާރު ވެދާނެކަމަށް ޓަކައި އޭނާ ވަގުތުން ވަގުތަށް މަސައްކަތުން އެކަހެރިކުރުމަށް މިކައުންސިލުން ވަނީ ހެލްތް މިނިސްޓްރީއާއި ހޮސްޕިޓަލުގެ މެނޭޖްމަންޓުގައި އެދިފައެވެ." ފުވައްމުލަކު ސިޓީ ކައުންސިލުންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެކައުންސިލުގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އިންތިހާޔަށް ހުރުމާ އެކު، މިހާރު ހުރި އަންހެނުންގެ ޑޮކްޓަރުގެ ބަދަލުގައި އެހެން މީހަކު ހަމަޖައްސަވައި ދިނުމަށް ވެސް ކައުންސިލުން ވަނީ ހެލްތު މިނިސްޓްރީގައި ދަންނަވައިފައެވެ. އަދި މިކަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ވެސް ގެނެވިފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.  އަދި މިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރާއި ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި ހޮސްޕިޓަލްގެ މެނޭޖްމެންޓްގެ ފަރާތުން ލިބިފައިވާކަމަށް ވެސް މިބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެޑޮކްޓަރުގެ ސަބަބުން ދިމާވެފައިވާ ހާދިސާތަކުގެ ސަބަބުން އެކައުންސިލުން އިންތިހާއަށް ކަންބޮޑުވާކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އަންހެނުންގެ ޑޮކްޓަރުގެ ފަރާތުން ފާއިތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ދިމާވެފައިވާ ޙާދިޘާތަކަކީ އެކަމުގެ ސަބަބުން މައިމީހާ އަދި ދަރިފުޅުގެ ފުރާނަޔަށް ނުރައްކާތެރިކަން ލިބިދާނެ ފަދަ ކަންތައްތަކަށްވީ ހިނދު މިއީ މިކައުންސިލުން ނުހަނު، ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންތައްތައް ތަކުރާރުވުމަކީ، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި، މުޖްތަމަޢުގެ ހަމަޖެހުން ގެއްލިގެންދާނެ ފަދަ ކަންތައްތަކަށްވާތީ، މިކަންތައްތަކަށް މިސިޓީގެ ރައްޔިތުނަށް ހައްލު ހޯދައިދޭން ކުރަންޖެހޭ ހުރިހާ ކަމެއް މިކައުންސިލުން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ." ފުވައްމުލަކު ސިޓީ ކައުންސިލުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރުގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުތެރެއަށް ބެންޑޭޖްކޮޅެއް ދޫކޮށްލެވިފައި އޮތުމުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވީ މައްސަލައެއް ވެސް ވަނީ އިއްޔެ މީޑިޔާތަކަށް އަރައިފައެވެ. އަދި އެ ހޮސްޕިޓަލަށް ދެއްކި މާބަނޑު މީހެއް ސްކޭން ވެސް ނުކޮށް ދަރިފުޅު ރަނގަޅުކަމަށް ބުނުމަށް ފަހު ސްކޭންކޮށް ، ދަރިފުޅު ނިޔާވެފައިވާކަމަށް ބުނި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

Ads by Allied Insurance
  1. ޑީމަކްރަތީ

    ބާރައް އަތް ޖަހާ ސިއްހީ ހިސުދުމަތް ބިތައްޖަހާފައި ؟ އަތްޖަހާ؟ދެންއަތްޖަހާ؟