ރިސޯޓުތަކުގެ 80 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 80 އިންސައްތަ މުވައްޒަފުން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ޓޫރިޒަމް މިިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރިސޯޓްތަކުގައި މަސައްކަތްކުރާ %97 މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހައިފައެވެ. އަދި 80 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ.
ކޯވިޑު ބަލި ފެތުރުން ހުއްޓުމަށް އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާއިރު ރިސޯޓު މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރު ޓެސްޓުން ނައްސި ނަތީޖާއާ އެކު ކަރަންޓީނުވާން ނުޖެހި ރަށަށް ދިއުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. އެހެން ނަމަވެސް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށް އެކަންޏެވެ.
ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮންމެ ދުވަހަކު ވެސް ދަނީ ވެކްސިން ޖަހަމުންނެވެ. މިވަގުތު ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 255،280އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 320،457އަށް އަރައިފައެވެ.