މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.
ސިޓީ ކައުންސިލުން އިއުލާން ކޮށްފައިވާ ގޮތުގައި ގޮޅިތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓްމަހުގެ 17 ވަނަދުވަހެވެ. އެދުވަހުގެ 14:00 އާއި ހަމައަށް ފޯމު ބަލައިގަންނަގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކުރީ، ގޮޅިއަށް އެދުމުގައި ހުށަހަޅަން ޖެހޭ ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިޢުލާނުން ދެވިފައި ނުވާތީ ގިނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާތީ ކަމަށެވެ.
މާރުކޭޓްތަކުން މި ފަހަރު ހުޅުވައިލައިފައި ވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ ތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ”ގަޑިކަމަރު” ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.
މާލެ ސިޓީ ކައުންސިލުން ގޮޅި ދޫކުރަން ކުރި އިއުލާނުގައި ބުނެފައި ވަނީ ކޮންމެ ފަރާތަކުން ވެސް ފޯމް ލެވޭނީ އެއްގޮޅިއަށް ކަމަށެވެ. އަދި ފޯމް ހުށަހަޅާއިރު އެ ފަރާތަކުން ކުރަން ބޭނުންވާ ވިޔަފާރިއާ ދިމާލުގައި އެއްގޮޅީގައި ފާހަގަ ޖަހަންވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެއްވެސް ފަރާތަކުން އެއް ފޯމަށް ވުރެ ގިނަ ފޯމް ހުށަހެޅުމާއި، އެއްގޮޅިއަށް ވުރެ ގިނަ ގޮޅީގައި ފާހަގަ ޖެހުމާއި އެއްވެސް ގޮޅިއެއްގައި ފާހަގަ ނުޖަހާ ހުރި ނަމަ އެފޯމެއް ބާތިލް ވާނެ ކަމަށާއި ސިޓީ ކައުންސިލުން މީގެ ކުރިން ދީފައިވާ އެއްވެސް ޚިދުމަތަކަށް ދައްކަން ޖެހޭ ފައިސާއެއް މިހާތަނަށް ނުދައްކާ ހުރި ފަރާތްތަކުގެ ފޯމް ވެސް ބާތިލް ވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.