އުސޫލާ ޚިލާފަށް ރަށްރަށަށް ދަތުރު ކުރޭތޯ ބަލަން ޖެހޭނީ އެރަށެއްގެ ކައުންސިލުން: ފުލުހުން

އުސޫލާ ޚިލާފަށް ރަށްރަށަށް މީހުން ދަތުރު ކުރޭތޯ ބަލަން ޖެހޭނީ އެ ރަށެއްގެ ކައުންސިލުން ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ވެކްސިން ނުޖަހާ މީހުން އުސޫލުތަކާ ޚިލާފަށް ބައެއް ރަށްރަށަށް ދަތުރު ކުރާ ކަމަށާއި އެފަދަ މައްސަލަތައް ފުލުހުން ބަލާތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ، އެޗްޕީއޭއިން ކަނޑައަޅައިފައިވާ އުސޫލުތަކާ ޚިލާފަށް އެއްވެސް މީހަކު ދަތުރު ކުރާ ކަމުގެ ޝަކުވާ ލިބިއްޖެ ނަމަ އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ. އަދި ރަށްރަށަށް ދަތުރު ކުރާ މީހުން މޮނިޓަރކޮށް، ދަތުުރު ކުރަނީ އުސޫލުގެ ތެރެއިންތޯ ބެލުމުގެ ޒިންމާއަކީ އެރަށެއްގެ ރަށު ކައުންސިލްގެ ޒިންމާއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮވިޑް-19 ހާލަތު ކުޑަކޮށް ރަނގަޅުވެ، ގިނަ ދުވަސްތަކަށް ފަހު ޝަރުތުތަކަކާ އެކު ކަރަންޓީންވުމަކާ ނުލާ ދަތުރު ކުރުމުގެ ފުރުސަތު ދީފައިވާއިރު، ޢީދަށް ގިނަ ބަޔަކު ވަނީ ރަށްރަށަށް ދަތުރުކޮށްފައެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ސަރުކާރުން ނިންމައިފައިވާ އިރު މޮނިޓަރިން ހާލަތުގައި ނުހިމެނޭ ރަށްރަށަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށް 14 ދުވަސްވެފައިވާ މީހުންނަށް 72 ގަޑިއިރުގެ ފީސީއާރުގެ ނައްސި (ނެގެޓިވް) ނަތީޖާއަކާ އެކު ދަތުރުކުރެވޭނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 258،525އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 320،776އަށް އަރައިފައެވެ.