ޚަބަރު

ގޯތިތައް ބަދަލުކުރާނީ ހޮސްޕިޓަލަށް ކުރިން ކަނޑައެޅި ސަރަހައްދަށް: އައްޑޫ ސިޓީ ކައުންސިލް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ސަން

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް ބަދަލުކުރާނީ، ކުރިން އެ ހޮސްޕިޓަލް އަޅަން ކަނޑައެޅި ސަރަހައްދަށް ކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

Ads by STELCO

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ކައުންސިލުން ނިންމައިފައިވާ ކަމަށާއި ކައުންސިލުން މިގޮތަށް ނިންމައިފައި ވަނީ އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ ، މުސްތަގުބަލުގައި އައްޑޫގެ އިގްތިސާދާ ގުޅުންހުރި ކަންކަން ފުޅާ ދާއިރާއެއްގައި ހިނގާނެ  ސަރަހައްދެއް ކަމުގައި ވާތީއާއި، އެ ސަރަހައްދު ގުޅިފައި ވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާ ކަމުގައި ވާތީކަމަށެވެ. އަދި އެ ސަރަހައްދު ތަރައްޤީކުރެވޭ އިރު ހޮސްޕިޓަލާ ގުޅުންހުރި ބޭނުންތަކަށާއި އާއްމު އެހެން ބޭނުންތަކަށް އެ ސަރަހައްދުން ބިން ބޭނުންވާކަން ފާހަގަކުރެވިފައިވާތީ، އެ ސަރަހައްދުން ބިން ލިބެން އޮތީ، މިހާރު ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްގެން ކަމުގައި ވާތީ، އާއްމު މަންފާއަކަށް ޓަކައި އެ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ހުސްކުރުމުގެ ގޮތުން ކަމަށެވެ.

އެ ކައުންސިލުން ބުނީ ގޯތިތައް ބަދަލު ކުރެވޭނީ ޢަދުލުވެރި ބަދަލު ދިނުމަށް ފަހު ކަމަށެވެ. އަދި ކައުންސިލުން ބަދަލުކުރުމަށް ނިންމަވައިފައިވާ ސަރަހައްދުގެ ގޯތިތަކުގެ ޗާޓާއި އަދި ގޯތިތައް ބަދަލުކުރެވޭ ސަރަހައްދުގެ ޗާޓު އާއްމު ކުރެވިފައި ވާނެކަމަށެވެ.

މީގެ އިތުރުން، ބަދަލުކުރުމަށް ކައުންސިލުން ނިންމައިފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ގޯތިތައް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރުމުގެ ކުރިން، އެފަރާތްތަކާ އެކަމާ މެދު މަޝްވަރާކުރުމަށް ކައުންސިލުން ނިންމަވައިފައި ވާތީ، އެކަމާ މެދު އެފަރާތްތަކާ މަޝްވަރާ ކުރުމުގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ކައުންސިލުން ބަދަލުކުރުމަށް ނިންމަވައިފައިވާ ގޯތިތަކުގައި ކައުންސިލްގެ ހުއްދަ ނެތި އެއްވެސް މަސައްކަތެއް 18 ޖުލައި 2021އިން ފެށިގެން ނުކުރުމަށާއި ގޯތިތަކުގައި މަސައްކަތެއް ކުރާނަމަ އެފަރާތަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!