ޚަބަރު

ޕީޕީއެމްއިން ދުރަށް ވަޑައިގަތީ ފަނިތަކެއްގެ ސަބަބުން، އެނބުރި އައީ އަލުން ވެރިކަން ހޯދައިދޭން ވެގެން: މަލީޙް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެ ވަޑައިގަތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން އެ ޕާޓީގައި އެޅުވި ފަނިތަކެއްގެ ސަބަބުން ކަމަށާއި މިއަދު އެ ފަނިތައް އަނބުރާ އެމްޑީޕީއަށް ހިނގައްޖެ ކަަމަށް، މި ސަރުކާރުގެ ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީޕީއެމްއާ ގުޅިވަޑައިގެންނެވި މެމްބަރުންނަށް މަރުޙަބާ ކިޔުމަށް މިރޭ ބޭއްވި ހަފްލާގައި މަލީޙް ވާހަކަ ދަައްކަވަމުން މަލީޙް ވިދާޅުވީ، ކުޑަ ވަގުތުކޮޅަކަށް ޕީޕީއެމްއާ އެއްފަރާތްވާން ޖެހުނީ ފަނިތަކެއްގެ ސަބަބުން ކަމަށާއި މިއަދު އެ ފަނިތައް އެމްޑީޕީ ހަލާކު ކުރަމުންދާ ކަަމަށެވެ.

"ކުޑަކުޑަ ވަގުތު ކޮޅަކަށް ޕީޕީއެމްއާ އެއްފަރާތަށް ދާން މަޖުބޫރުވީ އެމްޑީޕީ ތެރެއިން ފޮނުވި ފަނިތަކެއްގެ ސަބަބުން. އަޅުގަނޑު މިއަދު އުފާކުރަނީ އެ ހުރިހާ ފަނިތަކެއް މިއަދުވަނީ އަނބުރާ އެމްޑީޕީގެ ތެރެއަށް ގޮސްފައި. އެ ބޭފުޅުން ހަލާކު ކުރަމުން އެދަނީ."

މަލީޙް ވިދާޅުވީ މިއަދު އެނބުރި ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ، ޕީޕީއެމް އަބުރާ ވެރިކަމަށް ގެނައުމަށް ކަމަށެވެ.

"އަޅުގަނޑު އެނބުރި ޕީޕީއެމްއަށް މި އައީ، އެއީ ވަތަނީ، ޤައުމީ، ދީނީ ސިޔާސަތު، ޤައުމަށް ހެޔޮ އެދޭ ވިސްނުމުގެ ޕާޓީއެއް ކަމަށް ވާތީ. އަޅުގަނޑު އެނބުރި މިއައީ އަނެއްކާވެސް ޕީޕީއެމް އެނބުރި ވެރިކަމަށް ގެނައުމުގެ މުހިންމު މަސައްކަތަށް"

މަލީޙް ވިދާޅުވީ އެމަނިކުފާނަކީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރި މީހުން ހިމެނޭ ޓީމްގެ މީހެއް ކަމަށާއި 2023ވަނަ އަހަރު ވެސް ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުންނެވި ކަަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މަލީހް ވަނީ ޔޫތު މިނިސްޓަރުކަން ކުރައްވައިފައެވެ. ނަަމަވެސް 2015 ވަނަ އަހަރު މަލީޙް ވަނީ މަގާމުން ވަކި ކުރައްވައިފައެވެ. އޭގެ މަހެއް ފަހުން ޕީޕީއެމްއިން މަލީހް ވަކިވެ ވަޑައިގަތީ، ޕީޕީއެމް އިސްވެ ދިވެހި ބިން ފަރަންޖީންނަށް ވިއްކާ މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކޮށްފައިވާތީ ކަމަށް ބުނެއެވެ. 2018 ވަނަ އަހަރު މަލީހް ފެނިގެން ދިޔައީ ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވި ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގައި ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވި މަލީޙް، މިރޭގެ ވާހަކަފުޅުގައި ރައީސް ޞާލިޙަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން މަލީޙް ވިދާޅުވީ ރައީސް ޞާލިޙް ވެރިކަން ކުރައްވަނީ ރިވާސް ގިޔަރުގައި ކަމަށާއި މިއަދު ފެންނަމުންދަނީ ޤައުމު ފަހަތަށްދާ މަންޒަރު ކަަމަށެވެ. އަދި ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެމެދު އުފެދިފައިވާ ދެބަސްވުމަށް އިޝާރާތްކޮށް މަލީހް ވިދާޅުވީ، ކޯޅުންގެ ސަބަބުން ޤައުމު ހުއްޓި ބަޖެޓް ޑެފެސިޓްވެ، ތަރައްޤީގެ ޕްރޮޖެކްޓްތައް ނުހިންގޭ ތަން ބަލަން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ސިއްކައާއި ސައްތާރާ ދެބޭފުޅުންގެ ކޯޅުމުގައި ޤައުމު ހުއްޓިފައިވާ ތަން. އެތަން ބަލަން ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ." މަލީހް ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގެ އެއް މަސް ދުވަހުގެ މަސައްކަތް، އެމްޑީޕީގެ 3 އަހަރު ކުރެވިފައި ނެތް ކަމަށެވެ.

މަލީޙްގެ ވާހަކަފުޅުގައި އެމަނިކުފާނު ޕީޕީއެމްއާ ގުޅުނު ސަބަބު ހާމަކުރައްވަމުން ވިދާޅުވީ ސިޔާސީ ގޮތުން ހުއްޓި ޤައުމުގެ ކަންކަން ބޮއްސުން ލައިގެންދާއިރު ބަލަން ހުންނަން ބޭނުން ނުވާ ކަމަށެވެ. އަދި ސިޔާސީ ކަންތަކުގައި އުޅެން ބޭނުން ކަމުގައި ވަންޏާ މިއަދު ޑިމޮކްރަސީއަށް އެންމެ ފައްކާ ވެފައިވާ، އެތެރޭގައި ޑިމޮކްރަސީ އެންމެ ހަރުދަނާ، ޤައުމަށް ރަނގަޅު މަސައްކަތްތަކެއްކޮށްދެވޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް މަލީޙް ވިދާޅުވިއެވެ. އަދި ގައުމަށް ހެޔޮ އެދޭ ހުރިހާ ބޭފުޅުން ވެސް ޕީޕީއެމްއާ ގުޅިވަޑައިގެންނެވުމަށް މަލީހް ގޮވައިލެއްވިއެވެ.

Ads by HDC
  1. ސަނާ

    މަލީހު ކަލޭތީ ދެފުށް ކެހެރިއެއް.ކުރިން ޔާމީނަށް އެއްޗެތި ގޮވާފައި ޕީ.ޕީ.އެމް އަށް ތިޔަ ދިޔައީ އެއްވެސް އިޚްލާސްތެރި ކަމެއް ނެތް.