ޚަބަރު

އައު ޕާޓީ ހަދަނީ ދެން އަންނަ ސަރުކާރަކުން ބައި ހޯދަން، ޤައުމަށް ޚިދުމަތް ކުރާކަށް ނޫން: އަދުރޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިދިކޮޅު ކޯލިޝަން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ކޮންމެ ފަހަރަކު ވެސް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކައިރިވާއިރު އައު ޕާޓީތަކެއް ވުޖޫދަށް އައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާނެ ކަމަށާއި މިކަމާ ދޭތެރޭ ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ޕީއެންސީގެ ރައީސް އަދި އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމްއަށް ކުރީގެ މިނިސްޓަރު މަލީޙްގެ އިތުރުން ކުރީގެ ދެ މެންބަރަކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، މިއަދު ސިޔާސީ ގިނަ ޕާޓީތަކެއް ހައްދަވަމުން ގެންދަވަނީ ޤައުމަށް ޚިދުމަތް ކުރަން ނޫން ކަމަށާއި އެކަން ކުރަނީ ދެން އަންނަ ސަރުކާރަކުން ބައި ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީ"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިއްބަވައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އަދި "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި ރައީސް މައުމޫންގެ ވެރިކަމުގައި ކެބިނެޓްގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން އިސްކޮށް ހުންނަވާ އިސްކޮށް ހުންނަވާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.

މިރޭ އަދުރޭގެ ދެއްކެވި ވާހަކަފުޅުގައި ޕާޓީތައް ހައްދަވަން އުޅުއްވާ ބޭފުޅުންނަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ޤައުމަށް ޚިދުމަތް ކުރުމުގެ ނަމުގައި ޕާޓީއެއް އުފައްދަވާއިރު ސަރުކާރުން ކުރަމުންދާ ވިޔާނުދާ ކަންތައް ހުއްޓުމަށް އެބޭފުޅުން މަސައްކަތް ނުކުރައްވާ ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

"ރައްޔިތުންގެ ބަސްބުނަން މަޖިލީހަށް ފޮނުވާފައި ތިބި ބައެއް ބޭފުޅުން ޕާޓީ ހައްދަވަން ނިކުމެ ވަޑައިގެން އެބަ އުޅުއްވާ. އަޅުގަނޑަކަށް ނުފެނޭ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެބޭފުޅުން މިކަންކަމާ ދެކޮޅަށް ވަކާލާތު ކުރައްވާ ތަނެއް. އަޅުގަނޑުމެންނަށް ފެންނަނީ މީގެން ކޮންމެ ބިލަކަށް ވޯޓް ދެއްވާ ތަން. އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރުގެ ބިޔަ ޕްރޮޖެކްޓްތައް ނަންގަވައިގެން ފައިސާ ޖަމާކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ތަން."

އަދުރޭ ވިދާޅުވީ، ޕާޓީ ހައްދަވަން ނިކުމެ ވަޑައިގެން މަސައްކަތް ކުރައްވާ ބޭފުޅުންނަށް މި ސަރުކާރަށް ފާޑު ވިދާޅުވާކަށް ކެރިވަޑައި ނުގަންނަވާ ކަަމަށެވެ. އަދި ޕާޓީތައް އުފައްދަވަނީ ރައީސް ޔާމީންނަށްކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަަމަށް ބުނެ އަދުރޭ ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް ހުންނަވާނީ ޕީޕީއެމް/ޕީއެންސީއާ އެކީގައި ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ ޕާޓީ ބައިބައި ކުރަން ކަމަށެވެ.

"އަދި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، މިއީ ރައީސް ޔާމީނަށް ކޮށްދޭ ކަމެކޭ. އަޅުގަނޑު މިރޭ ރައީސް ޔާމީނަށް ތާޢީދު ކުރައްވާ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ޕީޕީއެމް/ޕީއެންސީއާ އެކީގައޭ. އިތުރު ޕާޓީއަކާ އެކީގައި އެމަނިކުފާނު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންނަށް ނިސްބަތްވާ ޕާޓީތަކުގެ ލީޑަރުންނަކީ އަމިއްލަ އެދުމަށް ކޮންމެ ކަމެއް ވެސް ކުރައްވާނެ ފަދަ ބޭފުޅުން ކަމަށެވެ. އަދި ޑީލެއްގައި ޖެހިވަޑައިގެން ދީލާނުލައްވާނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ. އަދި ޕީޕީއެމްއާއި ޕީއެންސީއަކީ ޤަައުމީ ފިކުރުގެ ދެ ޕާޓީ ކަމަށާއި އެއީ ރައީސް ޔާމީންގެ ދެ ޕާޓީ ކަަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ ޑީލް ހައްދަވާނެ ބޭފުޅެއް ނޫން، އެއްވެސް ބޭފުޅަކާ އެކީގައި ރައީސް ޔާމީން ޑީލެއް ނުހައްދަވާނެ. ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި. ދިވެހި ރައްޔިތުންނަށް އެމަނިކުފާނުގެ މަސައްކަތް ފެންނަ ގޮތެއްގައި ކުރައްވާނީ. ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ޑީލް ނުހައްދަވާނެ ހަމައެކަނި ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް" އަދުރޭ ވިދާޅުވިއެވެ.

Ads by HDC
  1. ޢަލީ

    ސާބަހޭ އަދުރޭ ހިއްވަރާއެކު ބާރަށް ކުރިއަށް 2023 ކާމިޔާބު ވާނެ އިންސާﷲ