ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އަލުން ފަށާނީ އާދީއްތަ ދުވަހު
ހިޔާ މަޝްރޫޢުގެ ދަށުން އަޅައިފައިވާ 7،000 ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އީދަށް މެދުކަނޑައިލުމަށް ފަހު ދެން އަލުން ފަށާނީ އަންނަ އާދީއްތަ ދުވަހުގައި ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ވިދާޅުވީ 24 ޖުލައި 2021 ވާ ހޮނިހިރު ދުވަހަކީ ހިޔާފުލެޓު ލިބިފައިވާ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ ދުވަހެއް ކަމަށާއި ނަމަވެސް އަޟްހާ ޢީދަށް ފަހު ދެން އެއްބަސްވުމުގައި ސޮއި ކުރަން ފަށާނީ 25 ޖުލައި 2021 ވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.
މީގެ އިތުރުން 24 ޖުލައި 2021 ގައި އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ނުގެންދިޔަ ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާނީ ކުރިން ވެސް އިޢުލާން ކޮށްފައިވާ ގޮތަށް ޓަވަރު ތަރުތީބުން ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުން އާންމުކުރެވިފައިވާ ފޯމުތައް ފުރިހަމަ ކުރުމަށްފަހު
ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށް ތަޢާރަފުކޮށްފައިވާ "Hiya 7000 Portal، މެދުވެރިކޮށް ހުށަހެޅުމަށް އަންގަވައިފައެވެ. އަދި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެ ކޯޕަރޭޝަންގެ ރިސެޕްޝަނަށް ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޮންމެ ޓަވަރެއްގެ އެއްބަސްވުން ސޮއި ކުރުމަށް ވަކި ތާރީޚެއް ކަނޑައެޅިފައި އޮތް ނަމަވެސް އެއްބަސްވުން ތައްޔާރުކޮށް، ސޮއި ކުރުމަށް ތާވަލު ކުރެވޭނީ، މަޢުލޫމާތު ފޯމު ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކާއެކުގައި ކަމުން، ތާވަލުގައިވާ މުއްދަތުގެ ކުރިން އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޯޕަރޭޝަންގެ ރިސެޕްޝަނަށް ފޯމު ހުށަހެޅުމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޑީސީން ވަނީ އަންގައިފައެވެ.
އަދިފޯމު ފުރުމުގައި ކިޔަން އެނގޭނެހެން ސާފުކޮށް ލިޔެފައި ހުރުމާއި، އައި.ޑީ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ ހުށަހެޅުމަށާއި، އޮންލައިން ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ފޯމު ހުށަހަޅާއިރު ފޯމުތަކާއި އައި.ޑީ. ކާޑުގެ "ސްކޭން" ކޮޕީ ހުށަހެޅުމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.