ޝިޔާމް، އައްޒަ ސިފަ ކުރީ ބައިވަރު ކޮތަޅުތަކެއް ހިފައިގެން ބާޒާރު ކުރަންދާ މީހެއް ގޮތުގައި
"ބައިސްކޯފުން" ދައްކާ "ޑްރާފްޓްސް- ސީޒަން2" ގެ މިފަހަރުގެ ބައިވެރިންނަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އާއި އޭނަގެ ބައްޕަ އަހުމަދު ޝިޔާމްއެވެ.
ދަރިފުޅާއި ބައްޕަގެ ވަރުގަދަ ގުޅުން ފުރިހަމައަށް ދައްކުވައިދިން އެ އެޕިސޯޑުގައި ޝައުޤުވެރި ކުރުވަނިވި ވަރަށް ގިނަ ސުވާލުތައް ވަނީ އެ ދެބަފައިންނާ ވެސް ކޮށްފައެވެ.
އޭގެ ތެރެއިން އެއް ސުވާލަކަށް ޝިޔާމް ގާތު އަހައިފައި ވަނީ، އިޝާރާތުން ، އައްޒަ ސިފާ ކުރާނީ ކިހިނެއްތޯއެވެ. އެ ސުވާލުގެ ޖަވާބުގައި ޝިޔާމް ބުނީ ދެ އަތުން ބައިވަރު ކޮތަޅުތަކެއް ހިފައިގެން، ބާޒާރު ކުރަންދާ މީހެއްގެ ގޮތުގައި ކަމަށެވެ.
"ބައިވަރު ކޮތަޅުތަކެއް އަބަދުވެސް ހިފައިގެން ޝޮޕިން ކުރަންދާނީ ކާކުހޭ އަހައިފިއްޔާ އެއީ ދެން އައްޒަ. ކެތް ނުވާ ވަރަށް ކޮތަޅު ހިފައިގެން ހުންނާނީ، އެއީ އައްޒައަކީ" ސަމާސާ ކުރަމުން ހިނިތުންވުމަކާ އެކު ޝިޔާމް ބުނެފައިވެއެވެ.
ޝިޔާމްގެ އެ ޖަވާބަށް އައްޒަ ވެސް ވަރަށް ހޭން ފެށިއެވެ.
ހަމަ އެ ސުވާލު ޝިޔާމް ވަނީ އައްޒައާ ވެސް ކޮށްފައެވެ. އެގޮތުން "އިޝާރާތުން ބައްޕަ ސިފަކުރާނީ ކިހިނެއްހޭ" އެހުމުން އެންމެ ފުރަތަމަ ވެސް އައްޒައަށް ބުނެވުނީ "އޯ ނޯ" އެވެ.
"ބައްޕަ ސިފަ ކުރާނީ ވަރަށް ހަމަޖެހިލައިގެން ހުންނަ މީހެއް ގޮތުގައި. ކިތަންމެ ޓެންޝަނެއްގެ ތެރޭގައި ވެސް ބައްޕަ އިންނަނީ އަބަދުވެސް ވަރަށް ހަމަޖެހިލައިގެން. ވަރަށް ހަމަޖެހިގެން އަބަދުވެސް ވިސްނާނީ" އޭނާގެ ބައްޕައަށް ތައުރީފުތައް އޮއްސާލަމުން އައްޒަ ބުނެފައިވެއެވެ.
އައްޒަގެ ފަރާތުން ރަނގަޅު ކޮށްލަން ފެންނަ ކަމަކީ ކޮބައިތޯ އެ ޕްރޮގްރާމުގައި އެހުމުން ޝިޔާމް ބުނީ ރަނގަޅު ކުރަން ޖެހޭ ވަރަށް ބައިވަރު ކަންކަން ކުރިން ހުރި ކަމަށެވެ. ނަމަވެސް މިހާރު އައްޒަގެ ފަރާތުން އެހެން ރަނގަޅު ކޮށްލަން ކަމެއް ނެތް ކަަމަށާއި ރަނގަޅު ކުރުވަން ބޭނުންވި ކަންކަން އައްޒަގެ މިހާރުގެ ފިރިމީހާ އަހުމަދު މުއާޒު (މުއާ) އައިސް ރަނގަޅު ކުރުވައިފިކަމަށް ވެސް ޝިޔާމް ބުނެފައިވެއެވެ.