މިނިސްޓަރ ޝާހިދު، ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އދ ގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ނިއުދިއްލީގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފައެވެ. މިނިސްޓަރ ޝާހިދު ވަނީ މެދުނުކެނޑި އިންޑިއާއިން ދިވެހިރާއްޖެއަށް، ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ދިވެހިރާއްޖެއިން އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިޚާބުވުމަށް ކުރި ކެމްޕޭނުގައި އިންޑިއާއިން ތާއީދުކޮށްދިނީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒްއާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑަރ ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރ ޝާހިދު ޖުލައި 22 އިން 24އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.