ޕީއެސްއެމްގެ ވެބްސައިޓް ޑައުންކޮށްފި
ދައުލަތުގެ މީޑިޔާ ، ޕަބްލިކް ސާވިސް މީޑިޔާގެ ޚަބަރު ވެބްސައިޓް ޑައުންކޮށްފިއެވެ.
މައުލޫމާތު ލިބިފަައިވާ ގޮތުގައި މި ވެބްސައިޓް ޑައުންކޮށްފައި ވަނީ ވެބް އޮޕަރޭޓަރަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުންނެވެ.
ޕީއެސްއެމްގެ ވެބްސައިޓަށް މިއަދުގެ އެއްވެސް ވަގުތެއްގައި ވަދެވިފައެއް ނުވެއެވެ. އަދި ވެބްސައިޓް އަލުން އަޕް ކުރެވޭނީ ވެސް ފައިސާ ދައްކައިގެންނެވެ.
މިއަދު އެ ވެބްސައިޓް ޑައުންކޮށްފައި ވަނީ ކުރިން އެކަން އެންގުމަށް ފަހުގައި ކަމަށް ވެސް ސަން އޮންލައިނުން ވަނީ ރިޕޯޓްކޮށްފައެވެ.
އެނޫހުގައި ބުނެފައިވާ ގޮތުގައި އެކަމާ ބެހޭގޮތުން ޕީއެސްއެމްގެ ޑިރެކްޓަރު އަލީ ޚާލިދު ވަނީ ވެބްސައިޓް ޑައުންކޮށްފައި ވަނީ ފަައިސާ ނުދައްކައިގެން ކަމަށް ބުނި ބުނުން ދޮގުކޮށްފައެވެ. އަދި ދިމާވެގެން އުޅެނީ ޓެކްނިކަލް މައްސަލައެއްކަމުގައި ޚާލިދު ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް ވެސް އެނޫހަށް ޔަގީންވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަކީ ދައުލަތުން ބޮޑު ޚަރަދެއް ކޮށްގެން ހިނގާ އިދާރާއެއް ކަމުގަައިވާ އިރު ޕީއެސްއެމްއާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. އަދި އެ އިދާރާގެ ލިޔެކިޔުންތަކެއް ގަސްދުގައި ނައްތައިލައިފައިވާ މައްސަލަތަކަކާއި އިތުރު އެހެން މައްސަލަތަކެއް ވަނީ ފެންމަތިވެފައި ވެއެވެ.