Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕީޕީއެމްއާ އެކު މަސައްކަތް ކުރުމުގެ ދަޢުވަތު ރައީސް ނަޝީދަށް ދެއްވައިފި

ޕީޕީއެމްއާ އެކު މަސައްކަތް ކުރުމުގެ ދަޢުވަތު ރައީސް ނަޝީދަށް ދެއްވައިފި

އިދިކޮޅު މައި ޕާޓީ ޕްރޮގްރަސިވް ކޯލިޝަން އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)އާ އެކު މަސައްކަތް ކުރުމުގެ ދަޢުވަތު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިދިކޮޅު ޕްރޮގްރަސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ދެއްވައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙް ހިމެނޭހެން އެކުގައި މަސައްކަތް ކުރުމުގެ ދަޢުވަތު ދީފައި ވަނީ، ރޭ އިދިކޮޅުން "މިނިވަން ކަމުގެ ދިފާޢުގައި-ދިވެހީން"ގެ ނަމުގައި ފެއްޓެވި ކެންޕެއިން އިފްތިތާޙް ކޮށްދެއްވުމަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމްއާ އެކު ރައީސް ނަޝީދު މަސައްކަތް ކުރުމަށް އަދުރޭ ގޮވައިލި ނަމަވެސް، ރައީސް ޞާލިޙްއަށް ކުރެއްވި އިތުބާރު އަނބުރާ ގެންގޮސް ރައީސް ޔާމީންގެ އެހީތެރިކަން ބޭނުންފުޅު ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އަދުރޭ ވަނީ ތަކުރާރުކޮށް ޕީޕީއެމްއިން ރައީސް ނަޝީދާ އެކު މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އެހެން ނަމަވެސް ރޭ އަދުރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިޤައުމުގައި ވެރިކަން ކުރެއްވޭނީ ޤައުމު މިނިވަން ޤައުމެއްގެ ގޮތުގައި އޮތުމުން ކަމަށެވެ. މިހެންކަމުން ޤައުމު މިނިކަން ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އަދުރޭ ވަނީ ގޮވައިލައްވައިފައެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ދިވެހިރާއްޖެ މިނިވަން ކުރުމަށް މިކުރާ މަސައްކަތުގައި ބައިވެރި ވަޑައިގަންނަވާ އަޅުގަނޑުމެންނާ އެކީގައި މިހަރަކާތަށް ނިކުމެ ވަޑައިގަންނަވާށޭ. ކެނެރީގޭ މުޙައްމަދު ނަޝީދަށް ވެސް ދަންނަވާލަން ބޭނުން ވަނީ ހަމަ މިހަރަކާތަށް ނިކުމެ ވަޑައިގަންނަވާށޭ." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅު ވަނީ މި ވަގުތަކީ އެހެން ހުރިހާ މަސައްކަތެއް ހުއްޓައިލައިފައި، ޤައުމު ސަލާމަތް ކުރުމަށް ޕީޕީއެމްއިން މަސައްކަތް ފައްޓަންވީ ވަގުތު ކަމަށާއި ރޭ ފެއްޓެވި މަސައްކަތަކީ ރައީސް ޔާމީންގެ ލަފާގެ މަތިން ފެއްޓެވި މަސައްކަތްޕުޅެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ އިޒުނަފުޅާ އެކު އެކުގައި މަސައްކަތް ކުރެއްވުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ލީޑަރުންނަށް ވަނީ އަދުރޭ ގޮވައިލެއްވިއެވެ.

"އަޅުގަނޑު މިރޭ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރައީސް ޔާމީންގެ އިޒުނަފުޅާއެކީގައި، މިމަސައްކަތުގެ ބައިވެރިވުމަށް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާ ހުރިހާ ސިޔާސީ ލީޑަރުންނަށް ދަޢުވަތު އަރުވަން." އަދުރޭ ދަޢުވަތު ދެއްވި އިތުރު ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާންއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއާއި ކާނަލް ނާޒިމްއާއި އުމަރު ނަސީރު ވެސް ހިމެނި ވަޑައިގަންނަވައެވެ.

އަދުރޭ ވިދާޅުވީ، މިނިވަން ކަމަށް ކުރެވޭ މަސައްކަތެއްގައި އެއްވެސް ބޭފުޅަކު ފަސްޖެހި ވަޑައިނުގެން ، ޕީޕީއެމްއާ އެކު މަސައްކަތް ކުރުމަށް ދަޢުވަތު ދޭ ކަމަށެވެ. އަދި އެ ޕާޓީން ހުރިހާ އެންމެން ވެސް ވަރަށް ހޫނު މަރުޙަބާއާ އެކު ބަލައިގަންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ކުރިމަތި މި ލަނީ ވަރަށް ވަރުގަދަ ޤައުމީ މަސައްކަތަކާ، ދިވެހިރާއްޖެ މިއަދު މިއޮތީ ވަރަށް ނާޒުކުރު ފައްތަރެއްގެ މަތީގައި. ކޮންމެ ދާއިރާއަކުން ބަލާލިޔަސް މިފެންނަނީ ދިވެހި ރައްޔިތުންގެ ލޮލުން ކަރުނަ އޮހެން ޖެހޭ ހާލަތަށް ޤައުމުގެ ކަންކަން ގޮސްފައި އޮއްވާ." އަދުރޭ ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ފަރާތްތަކަށް އިންޒާރު ދެއްވައި ޤައުމަށް ގައްދާރުވި ހަސަން ތާޖުއްދީންގެ ދެ ދަރިންގެ މިސާލު ނަންނަވަމުން އަދުރޭ ރޭ ވިދާޅުވީ، ޤައުމަށް ޣައްދާރުވެއްޖެ ނަމަ އާޚިރުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ. އަދި ދިވެހިން އެމީހުންގެ މިނިވަންކަން ޤުރުބާން ކުރާއިރު ބަލަން ނުތިބޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް