ޚަބަރު ސިޔާސީ

ޖޭޕީގެ ރައްދު ޕީޕީއެމްއަށް: ދައުވަތެއް ދިން ކަމަށް ޤަބޫލެއް ނުކުރަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިދިކޮޅު ކޯލިޝަންއިން ކުރިޔަށް ގެންދާ "މިނިވަންކަމުގެ ދިފާޢުގައި ، ދިވެހީން" ކެންޕެއިންގައި ބައިވެރިވުމަށް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށާއި ސަރުކާރުގެ ކޯލިޝަންގެ ލީޑަރުންނަށް އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ގޮވައިލެއްވުމުން އެކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިޙް ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖުމްހޫރީ ޕާޓީން އިދިކޮޅު ކޯލިޝަނާ އެކު މަސަައްކަތް ކުރައްވާނެތޯ "ދެން"އިން ސުވާލު ކުރުމުން އަލީ ޞާލިޙް ވިދާޅުވީ، ޕޯޑިއަމެއްގައި މީހަކު ދައްކާ ވާހަކައަކީ ދަޢުވަތެއް ނޫން ކަމަށާއި ދަޢުވަތަކަށް ވާނީ ލިޔެކިޔުންތައް ބަދަލު ކުރެވިގެން ކުރެވޭ މުޢާމަލާތެއް ކަމަށް ވާނަމައެވެ.

"ޕޯޑިއަމެއްގައި މީހަކު ދައްކާ ވާހަކައަކީ ދަޢުވަތެއް ނޫން. ދަޢުވަތަކަށް ވާނީ އެ ދަޢުވަތެއްގެ ލިޔެ ކިޔުންތައް ބަދަލު ކުރެވި، އެކަންކަމާ ބެހޭ ގޮތުން ވާހަކަ ދެކެވިގެން. ހަމަ އަރާ ހުރެގެން ބެރު ދުންމާރި ތާޅަފިލި ފުމޭހެން ފުމުނީމަ އެއީ ދަޢުވަތު ކަމަކަށް ހެޔޮ ބުއްދި ސަލާމަތުން ހުރި މީހަކު ޤަބޫލެއް ނުކުރާނެ" އަލީ ޞާލިޙް ވިދާލުވިއެވެ.

އިދިކޮޅުން "މިނިވަން ކަމުގެ ދިފާޢުގައި-ދިވެހިން"ގެ ނަމުގައި ފެއްޓެވި ކެންޕެއިން އިފްތިތާޙްކޮށްދެއްވުމަށް ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް އަބްދުﷲ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހިމެނޭހެން އެކުގައި މަސައްކަތް ކުރުމުގެ ދަޢުވަތު ރާއްޖޭގެ ހުރިހާ ލީޑަރުންނަށް ދެއްވައިފައެވެ. އަދި ވިދާޅުވީ ޤައުމީ މަސައްކަތްޕުޅުގައި ޤާސިމް އިބްރާހީމަކީ އަބަދުވެސް ވަރަށް ކުރީގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި މިމަސައްކަތް ކުރެއްވުމަށް މިއަދު ޕީޕީއެމްއާ ގުޅިވަޑައިގަންނަވަން ގޮވައިލާ ކަމަށެވެ.

އަލީ ޞާލިޙް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޕޯޑިއަމަށް އަރުއްވާ ކިޔާނެ އެއްޗެއް ނޭނގޭ ކަމަށާއި އަދި ލީޑަރޝިޕްގެ ދެ ބޭފުޅުން އެކައްޗެއް ނުކިޔުއްވާ ކަަމަށެވެ.

"އެކަކު އަރުއްވައިފައި ވިދާޅު ވަނީ، އަޅުގަނޑު ރައީސް ޞާލިޙް ހިމެނޭހެން ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވަމޭ. އަނެކަކު އަރާފަ މިބުނަނީ އަޅުގަނޑުމެން މިވެރިންނާ އެކު ކުރާނެ މަސައްކަތެއް ނެތޭ" އަލީ ޞާލިޙް ވަނީ ދަޢުވަތެއް ދިނުމުގެ ކުރިން ޕޯޑިއަމަށް އަރާ ދައްކަވާނެ ވާހަކަ ސާފު ކުރެއްވުމަށް އިދިކޮޅު ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހަމަ އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ މިޤައުމު ވިއްކާލި ބަޔަކާ އެކީ ކުރެވޭނީ ކޮން މަސައްކަތެއްތޯ ޢަބްދުއްރަހީމްގެ އަރިހުގައި ސުވާލު އުފައްދަވައިފައެވެ. މިގޮތުން ޕީޕީއެމްއާ އެކު މަސައްކަތް ކުުރުމަށް ދަޢުވަތު ދެއްވި ބޭފުޅުންނަށް އިޝާރާތް ކުރައްވާ ވިދާޅުވީ، މިއަދު ސަރުކާރުގައި ތިބި ފަރާތްތަކުން ދިވެހި ޤައުމަށް ޣައްދާރުވެފައިވާ ކަމަށާއި މިނިވަންކަން ދިފާޢު ކުރުމަށް އެ ފަރާތްތަކާ އެކީ ކުރެވޭނެ މަސައްކަތެއް ނެތް ކަމަށެވެ.

އަލީ ޞާލިޙް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކަށް އެއްވެސް ކަހަލަ ދަޢުވަތެއް މިހާތަނަށް އައިސްފައިނުވާ ކަަމަށާއި، އެ ރޭގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަ އަމިއްލަފުޅަށް އެނަލައިޒް ކޮށްލުމުން އެއީ ދިން ދަޢުވަތެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

"އެބައްދަލުވުން ސިފަ ވެގެން ދިޔައީ މިސްރާބެއް ނެތް. ދަތުރެއް ކުރަން ނޭނގޭ އޮޑިއަކަށް އަރާ ތިބެގެން ލާހޫރޭ ތަން" އެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވަމުން އަލީ ޞާލިޙް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!