ޚަބަރު

ޕީޕީއެމްގެ ހަރަކާތާ ގުޅުމުގެ ދަޢުވަތު ހަތަރު ޕާޓީގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ "މިނިވަންކަމުގެ ދިފާޢުގައި - ދިވެހީން" ކެމްޕެއިނާ ގުޅުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ފޮނުވައިފައިވާ ކަމަށް ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އިން މިއަދު ހާމަކޮށްފިއެވެ.

Ads by STELCO

މިދިޔަ ހުކުރު ދުވަހުގެ ރޭ ގައުމުގެ "މިނިވަންކަމުގެ ދިފާއުގައި" އިދިކޮޅުން ލޯންޗް ކުރި ކެންޕެއިންގައި ބައިވެރިވުމަށް ކެންޕެއިން އިފްތިތާޙްކޮށްދެއްވަމުން ވެސް އެ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ ވަނީ ޕާޓީތަކުގެ ލީޑަރުންނަށް ދަޢުވަތު ދެއްވައިފައެވެ. އެހެން ނަމަވެސް އޭރު ރަސްމީ ދަޢުވަތު ދެއްވައިފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީން އިދިކޮޅު ކޯލިޝަނާ އެކު މަސަައްކަތް ކުރައްވާނެތޯ "ދެން"އިން އިއްޔެ ސުވާލު ކުރުމުން އެ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، ޕޯޑިއަމެއްގައި މީހަކު ދައްކާ ވާހަކައަކީ ދަޢުވަތެއް ނޫން ކަމަށާއި ދަޢުވަތަކަށް ވާނީ ލިޔެކިޔުންތައް ބަދަލު ކުރެވިގެން ކުރެވޭ މުޢާމަލާތެއް ކަމަށް ވާނަމަ ކަމަށެވެ.

ޕީޕީއެމްއިން ރަސްމީކޮށް ލީޑަރުންނަށް ދަޢުވަތު ދިން ނަމަވެސް، މި ކެންޕެއިން އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ މިޤައުމު ވިއްކައިލި ބަޔަކާ އެކީ ކުރެވޭނީ ކޮން މަސައްކަތެއްތޯ ޢަބްދުއްރަހީމްގެ އަރިހުގައި ސުވާލު ކުރައްވައިފައެވެ. މިގޮތުން ޕީޕީއެމްއާ އެކު މަސައްކަތް ކުުރުމަށް ދަޢުވަތު ދެއްވި ބޭފުޅުންނަށް އިޝާރާތް ކުރައްވައި ވިދާޅުވީ، މިއަދު ސަރުކާރުގައި ތިބި ފަރާތްތަކުން ދިވެހި ޤައުމަށް ޣައްދާރުވެފައިވާ ކަމަށާއި މިނިވަންކަން ދިފާޢު ކުރުމަށް އެ ފަރާތްތަކާ އެކީ ކުރެވޭނެ މަސައްކަތެއް ނެތް ކަމަށެވެ.

ޕީޕީއެމްއިން ދަޢުވަތު ފޮނުވި ލީޑަރުންގެ ތެރެއިން ތިން ލީޑަރުންނަކީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންވާ ބޭފުޅުންނެވެ. އެއީ، އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި އަދާލަތު ޕާޓީގެ ރަައީސް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެމްޑީއޭގެ ލީޑަރު އަޙްމަދު ޝިޔާމަކީ 2018ވަނަ އަހަރު ރިޔާސީ އިންތިޚާބު ޖެހެން ދެން ރައީސް ޔާމީނާ އެކު ހުންނެވި ބޭފުޅެކެވެ. އެހެން ނަމަވެސް، އިންތިހާބުގެ ކެންޕެއިން ފެށުމާއެކު އެމްޑީއޭއިން ވަނީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!