"އެކުގައި މަސައްކަތް ކުރުމުގެ ހިތްވަރު އެބަހުރި، އިޚްލާސްތެރިކަމެއް ހުރިއްޔާ އެކުގައި މަސައްކަތް ކުރައްވާ"
ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ އިޚްލާސްތެރި ނިޔަތް އެބައޮތް ކަމަށާއި ގައުމަށް ޓަކައި އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ހިތްވަރު އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ "މިނިވަންކަމުގެ ދިފާޢުގައި - ދިވެހީން" ކެމްޕެއިނާ ގުޅުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ފޮނުވުމާ ގުޅިގެން "ދެން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ހުރިހާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަކީ މިވަގުތު މުހިންމުކަމެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއީ ވަރަށް މުހިންމު ކަމެއް. ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި މިހާރު ހިނގަމުން މިދާ ކަންކަމުން ސަލާމަތްވުމަށް ޓަކައި ހުރިހާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމުކަމެއް. އިހްލާސްތެރިކަމެއް ހުރިއްޔާ" އާދަމް ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެހެން ޕާޓީތަކާ އެކުގައި މަސައްކަތް ކުރުމުގެ ހިތްވަރު އެބަހުރި ކަމަށާއި އިހްލާސްތެރިކަމެއް ހުރީ ވިއްޔާ ހުރިހާ ލީޑަރުންނަށް ވެސް އެކީ މަސައްކަތް ކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވި ނަމަވެސް، ކެންޕެއިން އިފްތިތާޙް ކުރުމަށް ހުކުރު ދުވަހު ރޭ ބޭއްވި ޖަލްސާގައި ދައްކަވަމުން އޭނާ ވަނީ މިޤައުމު ވިއްކާލި ބަޔަކާ އެކީ ކުރެވޭނީ ކޮން މަސައްކަތެއްތޯ ސުވާލު ކުރައްވައިފައެވެ. މިގޮތުން ޕީޕީއެމްއާ އެކު މަސައްކަތް ކުުރުމަށް ދަޢުވަތު ދެއްވި ބޭފުޅުންނަށް އިޝާރާތް ކުރައްވައި ވިދާޅުވީ، މިއަދު ސަރުކާރުގައި ތިބި ފަރާތްތަކުން ދިވެހި ޤައުމަށް ޣައްދާރުވެފައިވާ ކަމަށާއި މިނިވަންކަން ދިފާޢު ކުރުމަށް އެ ފަރާތްތަކާ އެކީ ކުރެވޭނެ މަސައްކަތެއް ނެތް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އިދިކޮޅުން ލޯންޗް ކުރި "މިނިވަންކަމުގެ ދިފާޢުގައި - ދިވެހީން" ކެމްޕެއިނާ ގުޅުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ފޮނުވައިފައިވާ ކަމަށް ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއިން ވަނީ މިއަދު ހާމަކޮށްފައެވެ.