ޓްރެފިކް ޖޫރިމަނާ ކޮމިއުނިޓީ މަސައްކަތް ކޮށްގެން ދެއްކޭނެ: ފުލުހުން
އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަކާ ޚިލާފު ވެގެން ކުރެވޭ ޖޫރިމަނާގެ އަދަދު، 10،000އަށް ވުރެ އިތުރުވާނަމަ ކޮމިއުނިޓީ މަސައްކަތް ކުރުވައިގެން އެ ފައިސާ އަނބުރާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބިގެންވާކަމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްހަތު އަޙްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ތަލްހަތު ވިދާޅުވީ، ޓްރެފިކް ޖޫރިމަނާއާ މެދުވެސް އަމަލު ކުރަމުން ދަނީ މާލިއްޔަތު ޤާނޫނުގެ ދަށުން ޖޫރިމަނާއަށް ކަނޑައެޅިފައިވާ ޤަވާއިދުތަކުގެ ދަށުން ކަމަށެވެ. އަދި އެއްޤަމު ދަތުރުފަތުގެ ޤާނޫންގެ ދަށުން ކުރެވޭ ޖޫރިމަނާއެއް ކަމުގައިވާ ނަމަ އެ ޖޫރިމަނާއަކީ އެ މީހަކު ދަޢުލަތަށް ދައްކަން ޖެހޭ މަދަނީ ދަރަންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދެއްކުމަށް ނުކުޅެދިއްޖެ ހާލަތެއްގައި މީރާއިން އެމީހަކާ ދެކޮޅަށް ދަޢުވާކޮށް ކޮމިއުނިޓީ މަސައްކަތް ކުރުވައިގެން އެ ފައިސާ ހޯދުމުގެ ބާރު ދީފައިވާ ކަަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިގޮތަށް ކަންތައް ކުރެވޭނީ މީރާއިން ޝަރީޢަތުގައި މިގޮތަށް އެދުމުން ކަމަށެވެ.
"އޭގެ މާނައަކީ އެމީހަކާ ދެކޮޅަށް ދަޢުވާ ކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވޭ. ދެން މި އިންނަނީ އެމީހެއް ދަރަނި، ދިހަ ހާސް ރުފިޔާއަށް ވުރެ މައްޗަށް އަރައިފިއްޔާ މީރާއަށް ލިބިގެންވާ ބާރެއް އެއީ ޝަރީޢަތުގައި އެދުން އެމީހަކު ކޮމިއުނިޓީ މަސައްކަތަށް ނެރުމުގެ އަމުރަކަށް." ތަލްހަތު ވިދާޅުވިއެވެ.
ތަލްހަތު ވިދާޅުވީ، މިގޮތަށް މީހަކު މަސައްކަތަށް ނެރޭ ނަމަ އެ މީހަކު ސަރުކާރުގެ މުއްސަސާއެއްގައި، މިސާލަކަށް ވެމްކޯ، އެމްޕީއެލް ފަދަ ތަންތާންގައި މަސައްކަތްކުރިކަމުގެ ރަސީދެއް މީރާއަށް ހުށަހެޅުމުން, މީރާއިން އެބައި އެމީހެއްގެ ދަރަނިން އުނިކުރަމުންދާނެ ކަމަށެވެ.
ތަލްހަތު ވިދާޅުވީ މިއީ ވަރަށް މުހިންމު އިސްލާޙެއް ކަމަށާއި މި އިސްލާޙާއެކު ޖޫރިމަނާ ނުދެއްކޭ ފަރާތްތަކަށް ވެސް ލުއިއެއް ލިބިގެންދާނެ ކަމަށެވެ.
ކޮވިޑް-19ގެ ހާލަތާ އެކު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، މާލޭގައި ގިނަ ބަޔަކު ޖޫރިމަނާކޮށްފައިވެއެވެ. މިގޮތުން މަނާ ގަޑިތަކުގައި ސައިކަލު ދުއްވައިގެންނާއި ޕާކިން ޒޯންތައް ނޫން އެހެންތަންތާގައި ޕާކްކޮށްގެން އެތައް ބަޔަކު ޖޫރިމަނާކޮށްފައިވެއެވެ. މިކަމާ ގުޅިގެން ޖޫރިމަނާ ދެއްކޭނެ ފައިސާ ނެތް ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.