ޚަބަރު

ރައީސް ޞާލިޙްގެ މަސްއޫލިއްޔަތު އަދައެއް ނުކުރޭ، އެމަނިކުފާނު އަޒުލު ކުރަން ޖެހޭ: ލޯޔަރު ނިޝާން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ވާޖިބުތައް އަދާ ނުކުރައްވާ ކަމަށާއި އެމަނިކުފާނު މަޤާމުން އަޒުލު ކުރަން ޖެހޭ ކަމަށް ލޯޔަރު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދަށް އަމާޒުކޮށް މެއި ހައެއްގައި ދެވުނު ހަމަލާގެ ޝަރީއަތާއި ތަޙްޤީޤް ހިނގަމުންދާ ބާރު މިނާ ބެހޭ ގޮތުން "ދެން"އާ ވާހަކަ ދައްކަވަމުން ލޯޔަރު ނިޝާން ވިދާޅުވީ، ރައީސް ނަޝީދުގެ ތަޙްޤީޤް ހިނގަމުން ދަނީ ވަރަށް މަޑުން ކަމަށާއި ތަހްޤީޤް ލަސްވުމަކީ މައްސަލައިގެ ހެކި ތަކަށް ނުފޫޒު ފޯރުވުމާއި ނުވަތަ ހެކި އެއްކުރުމަށް އޮތް ދޮރުތައް ބަންދުވުމަށް ވެސް އޮތް ފުރުސަތެއް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ހެދި އިންކްއަރީ ރިޕޯޓަށް ސަރުކާރުގެ އިދާރާތަކުން އަމަލު ކުރަމުން ނުދާކަން ފާހަގަ ކުރައްވަމުން ލޯޔަރު ނިޝާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ހެދި އެ ރިޕޯޓްގައި ހުށަހަޅައިފައިވާ ކަންތައްތަކަށް އަމަލު ކުރުމަކީ ދައުލަތުގެ މައްޗަށް ވާޖިބެއް ކަަމަށެވެ. އަދި ދައުލަތުން އެކަން ހިނގާތޯ ނުހިނގާތޯ ބައްލަވަން ހުންނާނީ ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި އެއީ ރައީސްގެ ޒިންމާއެއް ކަމަށެވެ. އަދި ޒިންމާ އަދާ ނުކުރެއްވޭ ނަމަ އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް އިސްތިޢުފާ ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުން ހެދި އިންކްއަރީގެ ރިޕޯޓް ރައީސަށް އެރުވުމުން، އެ ރިޕޯޓުގައި ފާހަގަ ކުރައްވައިފައިވާކަން ކަމަށް ބައްލަވައި، އެކަން ކަމުގައި އިޞްލާޙުކުރަން ހުރި ކަންކަން އިޞްލާޙު ކުރައްވާނެ ކަމުގައި އޭރު ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެ ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުން ހުރި މުހިއްމު ކަންކަން ވީހާ ވެސް އަވަހަށް ހައްލު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެހެން ނަމަވެސް އެ ރިޕޯޓްގައި ފާހަގަ ކޮށްފައި ހުރި ކަންކަން ކުރަމުން ނުދާ ކަމަށް ބުނެ ރައީސް ނަޝީދަށް ސަޕޯޓް ކުރައްވާ އެމްޑީޕީގެ އިސް ބޭފުޅުން ރައީސް ޞާލިޙަށް ދަނީ ފާޑު ވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ ތަޙްޤީޤް ލަސްކަން ފާހަގަ ކުރައްވަމުން މިއަދު ލޯޔަރު ނިޝާން ވިދާޅުވީ، ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ތަޙްޤީޤްގެ އަދާހަމަ ހާމަކޮށްފައި ވަނީ ރައްޔިތުންގެ ފަރާތުން ޕްރެޝަރު ކުރިމަތި ވެގެން ކަމަށެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަ ކުރީ ކުށްކުރި މީހުންގެ މޫވްމެންޓްތައް ކަމަށާއި އެއީ ތަޙްޤީޤަށް ލިބުނު ކުރި އެރުމެއް، ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ބުރަދަނެއް ހުންނާނެ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑަށް ދެއްކީ ތަޙްޤީޤް ކުރެވޭ މީހުންގެ މޫވްމެންޓް ހުރި ގޮތުގެ ވީޑިއޯ ފްޓޭޖްތަކެއް. އެ ވީޑިއޯ ފްޑޭޖްތަކަކީ ޝަރީއަތަށް، މައުޟޫއީ މައްސަލައަށް އަސަރު ކުރާ ބާވަތުގެ ހެކިތަކެއް ނޫން. އެ މައުޟޫއީ މައްސަލައަށް ގަރީނާތަކެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ. އިންސާނެއްގެ މޫވްމެންޓް ހުރި ގޮތް ރިކޯޑް ކުރުމަށް ފަހު، އެއަކީ ޝަރީއަތުގެ މަޖިލީހުގައި ކިތާބީ ހެއްކެއްގެ ގޮތުގައި ނުވަތަ މައުޟޫއީ ހެއްކެއްގެ ދަރަޖައަށް އުފުލޭނެ ކަމެއް ނޫން." ލޯޔަރު ނިޝާން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ރާއްޖެ އައުމާ ގުޅޭ ގޮތުން ލޯޔަރު ނިޝާން ވިދާޅުވީ، މިހާރު މިއޮތް ހާލަތުގައި ރައީސް ނަޝީދު ރާއްޖެ އައުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ދައުލަތުން މިކަހަލަ ކަންކަމުގައި ސަރުކާރުން އަޅައި ނުލައްވާ ކަމަށާއި މިކަހަލަ ހާލަތެއް ދެން ވެސް ކުރިމަތިވެދާނެ ޖާގަ އެބައޮތް ކަމަށެވެ. އަދި މަޖިލީހުން ދެއްވި ލަފައާ އެއްގޮތަށް ކަންތައް ނުކުރައްވާ ހާލެއްގައި ރައީސް ނަޝީދަށް ރައްކާތެރިކަމެއް ނެތް ކަމަށް ވިދާޅުވެ، ލޯޔަރު ނިޝާން ވިދާޅުވީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން އެންމެ ރަނގަޅީ މަޝްރަޙް އަމާންވުމުން ކަމަށެވެ. މި އަންނަ ސެޕްޓެންބަރު މަހު ފަހުކޮޅު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

  1. ޢިސްލާހް

    ނިޝާން ރަނގަޅު ކޮށްލާ. އަދި ތިވިސްނާ ގޮތް ރަނގަޅެއް ނޫން. މަޖްލީހުން ނެރޭ ރިޕޯޓަކަށް ރައީސުލްޖުމްހޫރިއްޔާ އަމަލު ކުރުން ލާޒިމެއްނޫން. ލާޒިމް ކަމަށް ބުނެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް.

  2. އަހްމަދު

    ނިޝާނުގެ ތިވިސްނުް ރަނގަޅ ކުރަންޖެހޭ. ޤާނޫނީ ކޮންހަމަ އަކުން ކަން ބުނެދެން ޖެހޭ. ބޮޑަށް ހީވަނީ ނިޝާނުގެ ވިސްނުމުގ މައްސަލައެއް

  3. ޢަހުދު

    ޤަވަމަށްވުރެ ނަޝީދު ބޮޑުވީމާ، ދެން ރައީސްވެސް ޖެހޭނީ ހަމަ އަޒުލް ކުރަން. ހާދަ ވަރުގަދަ ޑިމޮކްރަސީއެކޭދޯ މި ގެނެވުނީ. އެ ގެންނަން މަސައކަތްކުރި މީހުނަށް ޤަވްމު އެއްކޮށް. ޚުދްމުޚްތާރަކީ ވަކަ ބަޔަކު ކަންކުރާ ގޮތަށް ކިޔާ އެއްޗެއްބާ. ހަމަ އެގޮތަށް އެހެންބަޔަކު ކުރިއަސް އޯކޭ. ދެރަ ކަމަކާނު މި ޖެހުނީ.

  4. ކޮއްކަލެފުތާ

    ކޮންމެ ކަމެއްވެސް ޖަސްޓިފައިކޮށްދިނީމަ ގާނޫނުވީ. ގާނޫނީގޮތުން ކުރަންޖެހޭ ކަމެއް އަޅެ އެބޮތްތަ. މިނިސްޓްރީތައް ދީފައިވާ މެންޑޭޓަށް އަމަލުނުކުރާނަމަ އެއީވެސް ގާނޫނީގޮތުން ރަނގަޅުކަމެއްތަ.

  5. މަހިންދަ

    އިބުރާހީމް ފުޅަކީ މަޑު މަހުގެ މީހެއް