ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 113 މީހުން

ރާއްޖެއިން މިއަދު އިތުރު 113 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 25 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 73 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 13 މީހުން ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދު ފަހަރުން 2 މީހަކު މި ބައްޔަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 78،243 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 75،450 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 24 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ނިޔާވެފައި ވެއެވެ.