މަހަކު ދެމިލިއަން މީހުންނަށް އުމްރާވުމުގެ ފުރުސަތު ސައުދީން ހުޅުވައިލައިފި
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދީ ކޮންމެ މަހަކު ދެ މިލިއަން މީހުންނަށް އުމްރާވުމުގެ ފުރުސަތު ސައުދީ އަރަބިއްޔާއިން ހުޅުވައިލައިފިއެވެ.
މިކަން އިއުލާނުކޮށް ސައުދީގެ ހައްޖު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވިދާޅުވީ މި އޯގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ބޭރުގެ ގައުމުތަކުން އުމްރާވުމަށް ފުރުސަތު ހުޅުވައިލައި އެކަމަށް އެދޭ ފޯމްތައް ބަލައިގަންނަން ފަށާނެ ކަމަށެވެ. މިގޮތުން ދުވާލަކު ފަސްދޮޅަސް ހާސް މީހުންނަށް އުމްރާވުމުގެ ފުރުސަތު ދޭނެކަމަށް ވެސް އެއިއުލާނުގައި ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް އުމްރާވެވޭނީ ސައުދީ އަރަބިއްޔާއިން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. މިގޮތުން އުމްރާވާން ދާ މީހުން ދަތުރު ކުރާ ބަސްތަކުގައި މީހުން އުފުލޭނީ އެބަސްތަކުގެ ކެޕޭސިޓީއަށް ވުރެ ދެބައިކުޅަ އެއްބައި މަދުން ކަމަށާއި އެ ބަސްތަކުން ސެނިޓައިޒަރ ލިބެން ހުންނަން ޖެހޭނެކަމަށް އެމިނިސްޓްރީގެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އުމްރާވާން ދާ ފަރާތްތަކަކީ ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ނުވަތަ ފުރަތަމަ ޑޯޒް ޖަހައި 14 ދުވަސްވެފައިވާ މީހުންނަށް ވާންޖެހޭނެކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ. އަދި ބަލި ޖެހި ރަނގަޅުވެފައިވާ ވެކްސިން ފުރިހަމަކޮށްފައިވީ ނަމަވެސް އުމްރާ ވެވޭނެކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ކޮވިޑް-19ގެ ސަބަބުން ބައިނަލް އަގުވާމީ ހައްޖު ވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި މިދިޔަ އަހަރާއި މިއަހަރު ވެސް ހައްޖުވުމުގެ ފުރުސަތު ދީފައި ވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށެވެ.
ސައުދީ އަރަބިއްޔާގައި ފަސްލައްކަ ތިރީސް ދެހާސް މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެ ގައުމުން 8300 މީހުން ވަނީ މިބަލީގައި މަރުވެފައެެވެ.