ޚަބަރު އިޖުތިމާޢީ

އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެފްއޭއެމް ފައުންޑޭޝަންގެ ބެލުމުގެ ދަށުން އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހްކޮށްފިއެވެ.

Ads by Hajj Corporation

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހް ކޮށްދެއްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.

ޕޮލިސީ އިފްތިތާޙްކޮށްދެއްވައި އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި، ޗައިލްޑް ސޭފްގާޑިންގެ މުހިންމުކަން ފާހަގަ ކުރައްވައި ކުޅިވަރުގެ ތެރެއިން މި ކަމަށް ޙައްލެއް ހޯދަން ދުރައިލާ ވިސްނާ މިކަން ފެށީތީ އެފްއޭއެމްއާ އަދި މި ޕޮލިސީ އެކުލަވައިލުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެހެންމެ ކުޑަކުދިންނާ ގުޅޭ މިފަދަ މުހިންމު ޕޮލިސީއެއް އެކުލަވައިލުމުގައި އެ ކުދިންގެ މަޝްވަރާއާ ބައިވެރިވުން ހޯދައިފައި ވާތީ އެކަން ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޗައިލްޑް ސޭފްގާޑިން އަދި ޗައިލްޑް ޕްރޮޓެކްޝަންގެ ތަފާތުގެ މައްޗަށް ވެސް އަލިއަޅުވައިލެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި، ކުދިން ސޭފްގާޑް ކޮށްދިނުމުގެ މަޤްޞަދަކީ ނުރައްކާތެރިކަމަށް ކުދިން ހުށަހެޅުމުގެ ފުރުޞަތު ނުދީ ރައްކާތެރިކަމުގެ ވެށީގައި ކުދިން ދެމެހެއްޓުންކަން ފާހަގަ ކުރައްވައި ކުޅިވަރުގެ ތެރޭގައި ހަރުދަނާ ޗައިލްޑް ސޭފްގާޑިން ފިޔަވަޅުތަކެއް އެކަށައަޅައިފައި އޮތުމުގެ މުހިންމުކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ މި ޕޮލިސީ އިފްތިތާޙްކުރުމަށް އިޝާރާތްކުރައްވައި އެކަމަނާ ވަނީ މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަމަލުކުރަން ފެށި ފަހުން އައި އެންމެ އުފާވެރި އެއް ދުވަސްކަން ފާހަގަ ކުރައްވައިފައެވެ.

މީގެ އިތުރުން، ކުޅިވަރުގެ މާހައުލުގައި އުޅޭއިރު ކުއްޖަކަށް ޖިސްމާނީ ނަފްސާނީ ނުވަތަ އެހެން ގޮތަކުން ނަމަވެސް އަނިއާއެއް ދީފާނެ މީހަކުގެ ކިބައިން ސަލާމަތްވުމަށް އުނދަގޫވެދާނެ އެތައް ޙާލަތެއް ކުރިމަތިވެދާނެކަން ފާހަގަ ކުރައްވައި، މިފަދަ ޕޮލިސީއެއް އޮތުމުން ކުދިންގެ އިތުރުން ކޯޗުންނާއި އަދި އެ ތަންތަނުގެ މެނޭޖްމަންޓަށް ވެސް އޭގެ ފައިދާކުރާނެކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ޕޮލިސީއެއް އޮތުމުން، ކަންކުރަންވީ ގޮތަކީ ކޮބައިކަމާއި ނުކުރަންވީ ކަންކަން އެންމެންނަށް ވެސް އެނގިފައި އޮންނާނެ ކަމަށާއި އަދި ކަންބޮޑުވާ ކަމެއް ދިމާވެއްޖެ ނަމަ އެކަން ރިޕޯޓްކުރަންވީ ގޮތާއި އެހީތެރިކަން ހޯދަންވީ ގޮތް ކުދިންނާއި ކޯޗުންނަށް ވެސް އެނގިފައި އޮންނާނެކަން ފާހަގަ ކުރައްވައި، އެ ފަދަ ބައެއް މިސާލުތަކަށް ވެސް އެކަމަނާ އަލިއަޅުވައިލެއްވިއެވެ.

އެ ކަމަނާ ވަނީ އެފްއޭއެމްއާއި އާރކް ގުޅިގެން ފެށި މި މަސައްކަތް ހަރުދަނާވެ ނަތީޖާ ނެރުމަށް ކޮންމެ ދުވަހަކު އިސްކަންދިނުމަށް އެދިވަޑައިގަންނަވައިފައެވެ. އަދި ކުޅިވަރު އެހެން އެސޯސިއޭޝަންތަކުން ވެސް މިކަމުގައި އިސްނަގައި ކުޅިވަރު މައިދާނަކީ ހާމަކަން ބޮޑު ގޮތެއްގައި ކުދިންނަށް ރައްކާތެރިކަން ލިބޭ، އިތުބާރާ އެކު އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ މައިދާނެއް ކަމުގައި ހެދުމަށް އެކަމަނާ ގޮވައިލެއްވިއެވެ.

އެފްއޭމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަކީ އެފްއޭއެމް ފައުންޑޭޝަން އަދި އެފްއޭއެމްއާއި އާރކް ޖަމުޢިއްޔާ ގުޅިގެން އަދި ޔުނިސެފް މޯލްޑިވްސްއާ ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުގެ ބައިވެރިވުމާ އެކު އެކުލަވައިލައިފައިވާ ޕޮލިސީއެކެވެ. މި ޕޮލިސީގެ މައިގަނޑު ބޭނުމަކީ ފުޓްބޯޅައިގައި ބައިވެރިވާ ހުރިހާ ކުދިންނަކީ ވެސް ، ކުޑަކުދިންނަށް ކުރާ، އަނިޔާއާއި، އެކުދިންނަށް ވާ އިހުމާލާއި، އެ ކުދިންނަށް ކުރިމަތިވާ ހަނގާކުރުން ފަދަ ކަންކަމުން ރައްކާތެރިވެ ތިބެ ފުޓްބޯޅައިގައި ބައިވެރިވާކުދިން ކަމުގައި ހެދުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!