ނަޝީދު ބޭނުންވާހާ ކަމެއް ކުރަން ފުރުސަތެއް ނޯންނާނެ: ސަރަނގު އާދަމް މަނިކު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާހާ ކަމެއް ކުރަން ފުރުސަތެއް ނޯންނާނެ ކަމަށް މާލެ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުހާ ކަމެއް ނުކުރެއްވޭނެ ކަމަށެވެ. އަދި ރާއްޖެއަކީ ޑިމޮކްރަޓިކް ގައުމެއް ކަަމަށާ އެހެން ކަމުން އެންމެ ބޭފުޅަކު ބޭނުންވާހާ ގޮތަކަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށެވެ. މީގެ އިތުރުން އާދަމް މަނިކް ވިދާޅުވީ އެއްވެެސް ސިޔާސީ ޕާޓީއަކީ އެންމެ މީހެއްގެ ވަށައިގެން އެނބުރޭ އެއްޗަަކަށް ވެގެން ނުވާނެ ކަމަށާއި އެމްޑީޕީގައި މީހަކު އެއްޗެކޭ ބުނެފިއްޔާ އެއީ ބޮޑު ކަމަކަށްވާ ކަމަށެވެ.
އާދަމް މަނިކު މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އާސްކް ސްޕީކަރ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ރިޔާސީ އިންތިޚާބެއް ބާއްވަން އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ޓަކައި 2022ވަނަ އަހަރު ވޯޓެއް ނެގުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން ކުރުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.