އެކި ދާއިރާތަކުން އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ޖަޕާން ސަފީރާ އެކު ނާއިބު ރައީސް މަޝްވަރާކުރައްވައިފި
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭ ޤާއިމުވެފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ޖަޕާނު ސަފީރު ވަނީ ވެކްސިން ހަދިޔާކުރުމުން ފެށިގެން ބޮޑެތި އެކި މަޝްރޫޢުތައް ހިމެނޭހެން އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބައްލަވައިލައްވައިފައެވެ.
މީގެ އިތުރުން ޖަޕާނުގެ ސަފީރު ވަނީ ކުރިޔަށް އޮތް އަހަރުތެރޭގައި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ރާވައިފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް ހިއްސާ ކުރައްވައިފައެވެ. މިގޮތުން، ދެބޭފުޅުން ވަނީ ސީ އެމްބިއުލާނސް ހޯދުމާއި، ކުނި ނައްތާލުމުގެ ދާއިރާއިން އަދި މީހުން ބިނާކުރުމުގެ ދާއިރާއިން މަޝްވަރާ ކުރައްވައިފައެވެ. ޖަޕާނަކީ، އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ރޯލެއް އަދާކުރާ ބައިވެރިއެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޕާނު ސަރުކާރުން އެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަން ޝުކުރުވެރިކަމާ އެކު ފާހަގަކޮށް، ޖާޕާނުގެ ޒަމާންވީ އެހީތެރިކަން މާލޭގެ ބޭރު ތޮށްޓަށް ނުވަތަ ރާއްޖޭގެ އެކިއެކި ސްކޫލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބަލައިލިކަމުގައި ވިޔަސް މިހާރު ވެސް ފެންނަމުންދާ ކަމުގައި ވިދާޅުވެފައެވެ.
އަދި، އެމަނިކުފާނު ވަނީ މީހުން ބިނާ ކުރުމާއި، ޚާއްޞަކޮށް ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މުހިންމު އެއް ރިޔާސީ ވަޢުދުފުޅުކަން ފާހަގަ ކުރައްވައިފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި ޖަޕާނު ސަރުކާރުގެ އެހީތެރިކަމުގައި ހިންގާ މަޝްރޫޢުތަކުގެ އެދެވޭ ނަތީޖާ މުޖުތަމަޢަށް ނުހަނު ބޮޑަށް ކުރެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ދެ ބޭފުޅުން ވަނީ ދެޤައުމުގެ ކޮވިޑް-19ގެ އެންމެ ފަހުގެ ޙާލަތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައި، ވީހާ ވެސް އަވަހަކަށް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި، ދެބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.