12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް، އަންނަ ހަފްތާގައި ފައިޒާ ވެކްސިން ދޭން ފެށޭނެ: ރައީސް
ރާއްޖޭގެ 12 އަހަރުން މަތީގެ އެންމެންނަށް ދެވޭ ވަރަށް މިހާރު ވެކްސިން ގެނެސްފައިވާ ކަމަށާއި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ފައިޒާ ވެކްސިން ދޭން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދުނިޔޭގެ ޤައުމުތަކުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފުރަތަމަ ފެށިގެން އައި ދުވަސްވަރު ރާއްޖޭގެ ވަސީލަތްތައް ހުރީ އެއްގޮތަކަށް ވެސް އެފަދަ ބަލިމަޑުކަމަކާ ކުރިމަތިލެވޭނެ ހާލަތެއްގައި ނޫންކަން ވަނީ ފާހަގަކުރައްވައިފައި ވެއެވެ.
އަދި މި ސަބަބާ ހުރެ ސަރުކާރުގެ ފުރަތަމަ އަމާޒަކަށްވީ މި ބައްޔަށް ފަރުވާދެވޭނެ ވަރަށް ރާއްޖޭގެ ޞިއްހީ ނިޒާމުގެ ޤާބިލުކަން އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ މި ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ އިޖްތިމާއީ އިޤްތިޞާދީ ދަތިތައް ވީހާ ވެސް ކުޑަކުރުމަށް ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް ކުރުން ކަމަށާއި މިހާރު އައު ޢާންމު ހާލަތަކަށް ދިއުމަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިވެފައި މި ވަނީ އެ ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އައު ޢާންމު ހާލަތަކަށް ދިއުމަށް ޓަކައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް ސަރުކާރުން ކުރި މަސައްކަތުން މިހާރު ރާއްޖެއަކީ އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމާއި އަދި އޭގެ އިތުރުން ރާއްޖެއަކީ 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ ފުރުޞަތު ލިބިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ވެސް ހިމެނޭ ޤައުމެއްކަން ރައީސް ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް، ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމުން ކަމަށެވެ. އެހެންކަމުން ވީހާ ވެސް ގިނަ ފަރާތްތަކުން އަވަހަށް ވެކްސިން ޖަހައި ނިންމުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.