ދީން

މަންމައެވެ. މަންމައެވެ. މަންމައެވެ. ދެން ބައްޕައެވެ.

ޢަލީ މާޖިދު ، ދެން އޮންލައިން

މަންމައަކީ އަގު ނުކުރެވޭނެ ޖަވާހިރެކެވެ. މަންމަ އުފުލާ ބުރަޔާއި ، ކޮށްދޭ ޚިދުމަތުގެ އަގު މުޅި ޙަޔާތް އެކަމަށް ހޭދަކުރިޔަސް ވަޒަނެއް ނުކުރެވޭނެއެވެ. ކުރާނީ ވެސް ކިހިނެތްތޯއެވެ. ދަރިޔަކު މި ދުނިޔެއަށް އުފަން ކުރުމަށްޓަކައި މި ދުނިޔޭގެ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތޭ ފަދަ އެ ގަދަ ފަދަ ވޭނަށް ވެސް އެ މަންމަ ކެތްކުރެއެވެ.  

އެ ވޭނުގެ ގަދަފަދަކަން ހިތަށް ތަސައްވަރު ކޮށްދިނުމަކީ ވާނޭ ކަމެއް ނޫނެއެވެ. ވިހެއުމަކީ ހަނގުރާމައިގެ މައިދާނެއް ފަދައެވެ. އާދެ! މަންމަ އެ ވަގުތު އެ ކުރަނީ ދަރިންނަށްޓަކައި ވަރަށް މަތިވެރި ޖިހާދެކެވެ. އެ ސަބަބަށްޓަކައި ވިހެއުމުގެ ތެރޭގައި ނިޔާވާ މީހާއަށް ޝަހީދެއްގެ ދަރަޖަ ލިބިގެންވެއެވެ.

މާތް ވި އިސްލާމް ދީނުގައި މައިންނަށް ދެއްވާފައިވަނީ ވަރަށް މަތިވެރި މަޤާމެކެވެ. ވަރަށް މަތިވެރި ދަރަޖައެކެވެ. މަންމަ ނިކަމެތި ކުރާ ޢާއިލާއެއް ނިކަމެތި ވެގެންދާނެއެވެ. މަންމަގެ ދަރަޖަ އޮޅުވައި ނުލާށެވެ. ގޭގެ އޮޅިގަނޑަށް ނިކަމެތިކޮށް ހިތާ ގެއަކަށް އުފާވެރިކަމެއް ، ހަމަޖެހުމެއް ނުވަންނާނެއެވެ. 

އެއް ދުވަހަކު ކީރިތި ރަސޫލާގެ އަރިހަށް މީހަކު އައިސް ދެންނެވި އެވެ. "އޭ ﷲގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނަ އެންމެ ހެޔޮކޮށް ހިތުމަށް ޙައްޤު ކަންބޮޑީ ފަހެ ކާކުތޯއެވެ؟" އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

"ތިބާގެ މަންމައެވެ." ދެންނެވި އެވެ. "ދެން ކާކުތޯ އެވެ؟" ޙަދީޘް ކުރެއްވި އެވެ. "ތިބާގެ މަންމަ އެވެ." ދެންނެވި އެވެ. "ދެން ކާކުތޯ އެވެ؟" ޙަދީޘް ކުރެއްވި އެވެ. "ތިބާގެ މަންމަ އެވެ." ދެންނެވި އެވެ. "ދެން ކާކުތޯ އެވެ؟" ޙަދީޘް ކުރެއްވި އެވެ. "ތިބާގެ ބައްޕަ އެވެ."

މިޙަދީޘުން އެނގެނީ މަންމަ އުފުލާފައިވާ ތަކުލީފާއި ބުރައިގެ ސަބަބުން މަންމަގެ ދަރަޖަ ތިން ގުނަ އިތުރު ވެގެންވާ ކަމެވެ.

މައިމީހާއަށް ކުލުނު ނެތް މީހެއްގެ ހިތުގައި އެހެން އެއްވެސް މީހަކަށް ކުލުނެއް ނުއޮންނާނެއެވެ! މައިމީހާއަށް ރަޙްމާއި ހަމަދަރުދީ ނެތް މީހަކު އެހެން މީހަކަށް ރަޙުމެއް ހަމްދަރުދީއެއް ނުބަހައްޓާނެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި އެތައް ފަހަރަކު މަންމަގެ މަޤާމް ބަޔާންކޮށް ދެއްވާ މަންމައަށް ހެޔޮކޮށް ހިތައި އިޙްސާންތެރި ވުމަށް އަމުރު ކުރައްވާފައިވެއެވެ.

މައިންބަފައިންނަށް ވަރަށް ގިނަގުނަ ޙައްޤު ތަކެއް ދަރިންގެ މައްޗަށް ވެއެވެ. އަދި ވަކިން ޙާއްޞަކޮށް މަންމަ އަށެވެ. ބައްޕައަށްވުރެ މަންމަގެ މަޤާމް އިސްލާމްދީނުގައި ތިންގުނަ އިތުރު ވެގެންވެއެވެ. ފަހަރެއްގައިވެސް މީގެ މާނައަކީ ދީނުގައި ބައްޕަޔަށް އެއްވެސް ޙާލެއްގައި އެއްވެސް ނިކަމެތި ކަމެއްވާ ވާހަކައެއް ނޫނެވެ.

إبن عباس ރަޟިޔަﷲ ޢަންހުގެ އަރިހުން إبن عديَ އަދި العقيلي އައްޟުޢަފާޢުގައި ރިވާކުރައްވާފައިވެއެވެ.

(( الجنة تحت اقدام الامهات)). މާނައީ: "ސުވަރުގެ ވަނީ މަންމަމެންގެ ފައިތިލަ ދަށުގައެވެ".

العقيلي ވިދާޅުފައިވެއެވެ. "މިޙަދީޘަކީ މުންކަރު ޙަދީޘެކެވެ." ނަމަވެސް މިޙަދީޘާއި އެއްފަދަ މާނަ ދޭހަވާ އެހެން ޙަދީޘެއް إمام النسائي رحمهﷲ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

معاوية بن جاهمة ރަޟިޔަﷲ ޢަންހު ރަސޫލާ ޞައްލަﷲ ޢަލަހިވަސައްލަމްގެ އަރިހަށްވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ އެވެ. "ތިމަން ޖިހާދުކުރުމަށް ނިޔަތް ގަނެފީމެވެ. ތިމަން މިއައީ ކަލޭގެފާނުގެ އަރިހުން މަޝްވަރާއަކަށް އެދިއެވެ." އެހިނދެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ފަހެ ތިބާގެ މަންމަވޭ ހެއްޔެވެ؟" އެހިނދު ތިމަން ދެންނެވީމެވެ. "އާދޭހެވެ." ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ފަހެ ތިބާގެ މަންމަގެ އަރިހުގައި (ޚިދުމަތްކުރުމުގައި) ދެމި ހުންނާށެވެ. ހަމަކަށަވަރުން ސުވަރުގެ ވަނީ ތިބާގެ މަންމަގެ ފައިތިލަ ދަށުގައެވެ." = وصححه الحاكم ووافقه الذَهبي وأقره المنذري = 

އިސްވެބަޔާންވެދިޔަ ޙަދީޘުގައި "ސުވަރުގެ ވަނީ މަންމަމެންގެ ފައިތިލަދަށުގައި" މިފަދައިން އައިސްފައި ވަނީ މަޒާޖެއްގެ ގޮތުގައެވެ.  المناوي އަދި إبن علان މިޙަދީޘާ ބެހޭގޮތުން ވިދާޅުވެފައި ވެއެވެ.

"މަންމަމެންނަށް ހެޔޮކޮށް ހިތުމާއި އަދި ކިޔަމަންތެރި ވުމުގައި ދެމިހުރުމީ ސުވަރުގެއަށް ދިއުން ގާތްކޮށްދޭ ސަބަބެކެވެ." އަދި الطيَبي ވިދާޅުވެފައިވެއެވެ. "މަންމަމެންގެ ފައިތިލަ" އެފަދައިން އައިސްފައި ވަނީ އެކަނބަލުންނަށް މަޑުމޮޅިވުމާއި ކިޔަމަން ގަތުމުގެ އިންތިހާ ދަރަޖަ ބަޔާންކުރުމުގެ ގޮތުންނެވެ."

މަންމަގެ މަތިވެރި މަޤާމުގެ ވާހަކައަކީ ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެ ވާހަކައެވެ. 

މަންމައަށް ހެޔޮކޮށް ހިތާ ދަރިޔަކަށް ވެވޭތޯ ކޮންމެ ދަރިޔަކު ވެސް ގަދައަޅައި މަސައްކަތް ކުރާށެވެ. މަންމައަށް ހެޔޮކޮށް ހިތޭނީ މަންމަގެ ދަރަޖަ އަމިއްލަ އަށް ވަޒަން ކުރެވިގެންނެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ދަރިޔަކީ ވެސް މަންމަ ދެކެ ލޯބިވާ ކިޔަމަންތެރި ދަރިޔަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. ދެ ޙަޔާތުގައި ކާމިޔާބު ލިބެން އޮތީ އޭރުންނެވެ. ދުނިޔޭގައި ހުރިނަމަ މަންމައަށް ހެޔޮކޮށް ހިތާށެވެ.  ދުނިޔޭގައި ނެތް ނަމަ މަންމައަށް ހެޔޮ ދުޢާ ކުރާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!