ޚަބަރު

އެއްވެސް އެންގުމަކާ ނުލައި މަޑުއްވަރީ މިސްކިތެއްގެ މުދިމަކު ވަޒީފާއިން ވަކި ކުރި މައްސަލައެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރ. މަޑުއްވަރީ މިސްކިތެއްގެ މުދިމެއް ވަޒީފާއިން ވަކިކުރި މައްސަލައެއް ހޫނު ވެއްޖެއެވެ.

Ads by STELCO

މަޑުއްވަރީ ކައުންސިލުގެ ރައީސް މުޙައްމަދު ޞާދިޤް ވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ ރަށު މަސްޖިދުލް އަމާނާގެ މުދިމު، މުޙައްމަދު މައުޖޫދު ވަޒީފާއިން ވަކި ކުރިކަން "ދެން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އަދި މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް މަޑުއްވަރީ ކައުންސިލުގެ ފަސް މެންބަރުން ސޮއިކޮށް ނެރުނު ބަޔާނެއް ވެސް ކައުންސިލު ރައީސް ވަނީ "ދެން"އާ ހިއްސާ ކުރައްވައިފައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މައުޖޫދަކީ 2019ވަނަ އަހަރު ފަހުކޮޅު ސަލާމަތީ ބާރުތަކުން ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން 2020 ވަނަ އަހަރު ޖެނުއަރީ މަހު ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކެވެ. އޭނާ ހައްޔަރު ކުރީ ކުޑަކުދިންތަކެއް ލައްވާ ބަންގިގޮވާ ނަމާދު ކުރުވައި، އެ ކުދިންނަށް ނަސޭހަތްދީ، ދީނީ އެއްބައިވަންތަކަން ނަގައިލުމުގެ ތުހުމަތުގައިކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް މައުޖޫދު ހައްޔަރު ކުރުމަށް ފަހު ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ފޮޓޯއެއް ގެންގުޅުނު ކަމުގެ ދައުވާއެވެ. އޭނާ ހައްޔަރުކުރިތާ ދެ މަހެއްހާ ދުވަސްފަހުން އޭނާ ވަނީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފައި ކަމަށާއި އޭނާ ވަޒީފާއަށް ނެރެ، ބަންދުގައި ހުރި ދުވަސްތަކަށް މުސާރަ ދިނުމަށް އިސްލާމިކް މިނިސްޓްރީން އެންގި ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އެޗްއާރުއެމްޑީ ކޮމެޓީން މައުޖޫދު ވަޒީފާއިން ވަކިކުރުމުގެ އިސްލާހީ ފިޔަވަޅު އެޅުމަށް ނިންމިކަމަށް އަންގައި، 2020ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ވަނީ މައްސަލައާ މެދު ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި މައުޖޫދު ވަނީ ވަރަށް ތަފްސީލްކޮށް ކަންހިނގައި ދިޔަގޮތް ބަޔާންކޮށް ޖަވާބުދީފައި ކަމަށާއި އޭގެ ފަހުން، ވަޒީފާއިން ވަކިކުރުމުގެ ޗިޓް ފޮނުވުމާއި ހަމައަށް އެ މިނިސްޓްރީގެ ފަރާތުން އިތުރު މުއާމަލާތެއް ސާފު ކޮށްފައިނުވާކަން މައުޖޫދުއާ ހަވާލާދީ ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އިސްލާމިކް މިނިސްޓްރީން މައުޖޫދާއި ގުޅުން ހުރި މައުލޫމާތުތަކެއް މަޑުއްވަރީ ކައުންސިލުން ހޯދައިފައިވާ ކަމަށާއި އެގޮތުން މައުޖޫދު ބަންދުން ދޫކޮށްލިފަހުން އޭނާގެ އަމަލުތައް ހުންނަ ގޮތާއި، އޭނާގެ އުޅުން އޭގެފަހުން އިސްލާހު ކޮށްފައިވޭތޯއާއި، އަދި ތުހުމަތު ކުރެވުނު މައްސަލައާއި ގުޅުން ހުރި ކަންކަން ކުރާކަމުގެ އެއްވެސް މައުލޫމާތެއް ކައުންސިލަށް ފާހަގަކުރެވިފައިވާ ނަމަ އެކަން އަންގައިދިނުމަށް އެދިފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ޖަވާބުގައި އެފަދަ ކަމެއް އޭނާ ނުކުރާ ކަމަށާއި، އޭނާގެ އުޅުން ހުރިގޮތް ތަފްސީލު ކޮށްދިން ކަމަށް ކައުންސިލުގެ ބަޔާނުގައިވެއެވެ.

"އޭނާއަކީ ރަށުގައި ބަންގި ގޮވާ، އިމާމުވެ ނަމާދު ކުރާނެ މީހަކު ނެތި ދިޔަ ދަނޑިވަޅެއްގައި، މި މަގާމާ ހަވާލުވެ މަސައްކަތް ކުރަން ފެށި ފަރާތެއް ކަމާއި، ރަށުގައި މަރުވާ މީހުން ހިނެވުމާއި ކަށުކަމާކެމީގެ ކަންކަމުގައި ކައުންސިލުން އެދުނު ކޮންމެ ފަހަރަކު އެކަން ކުރުމުގައި އެންމެ އިސް ސަފުގައި ހުރި މީހެއްކަމާއި، ޖެހިޖެހިގެން ގިނަ ހަފްތާތަކެއްގައި ހުކުރު ކުރަން އެދުނު ކަމުގައިވީ ނަމަވެސް، އެއްވެސް ޝަކުވާއެއް ނެތި ކައުންސިލުން އެދުނު ކޮންމެ ފަހަރަކު އެކަން ކޮށްދީފައިވާކަން ބަޔާންކޮށްފައިވާނެ. މީގެ އިތުރުން ދީނީ ކަންކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވޭ ދަރުސްތައް އިންތިޒާމު ކުރުމުގައި އިސްލާމިކް މިނިސްޓްރީގެ ޓީމަކަށާއި ކައުންސިލަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތަކީ މައުޖޫދު." ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

މަޑުއްވަރީ ކައުންސިލުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ހަރުކަށި ފިކުރުގެ މީހުންނަކީ މިސްކިތުގައި ޖަމާޢަތުގައި ބައިވެރި ނުވާ، ހުކުރު ނަމާދުގައި ވެސް ބައިވެރިނުވާ އަދި ކަށުކަމާކެމީގެ ކަންކަމުގައި ވެސް ބައިވެރިނުވާ ބަޔަކަށްވީ ހިނދު، މައުޖޫދު ފާހަގަވެފައި ވަނީ މިފަދަ ހުރިހާ ކަމެއްގައި ވެސް ބައިވެރިވެ، މިސްކިތައް ޖަމާޢަތަށް ދިޔުމަށް ބާރުއަޅާ ފަރާތެއްގެ ގޮތުގައި ކަމަށެވެ.

އެހެން ނަމަވެސް އެކަންކަމަށް ރިއާޔަތް ނުކޮށް، މައްސަލައަށް މައުޖޫދު ޖަވާބުދާރީވިތާ އަހަރެއްހާ ދުވަސްފަހުން، އަދި ކައުންސިލްގެ ފަރާތުން މައުލޫމާތު ހޯދިތާ 9 މަސްފަހުން މައުޖޫދަށް އިތުރު ނޯޓިސްއެއް ދިނުމަކާއި ނުލައި، އަދި ކައުންސިލަށް އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް ކުއްލިއަކަށް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް ފޮނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކައުންސިލުގެ ބަޔާނުގައިވެއެވެ. އަދި މައުޖޫދު ކޮށްދެއްވި އަގުހުރި މަސައްކަތަށް މަޑުއްވަރީ ކައުންސިލުން ވަނީ ޝުކުރުވެސް އަދާކުރައްވައިފައެވެ.

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!