"ދައުލަތް" މާނަ ކުރީ ސަރުކާރަކަށް ނޫން: މަޙްލޫފް

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތު މައްސަލައިގައި ސަސްޕެންޑު ކޮށްފައިވާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޙްލޫފް، ރޭގައި ދެއްކެވި ބައެއް ވާހަކަ އެމަނިކުފާނު ތަފްސީލު ކޮށްދެއްވައިފިއެވެ.
މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު"އިން ރޭގައި ގެނެސްދިން ޕްރޮގްރާމެއްގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތައް ބައެއް ފަރާތްތަކުން އޮޅުވައިލައިފައިވާ ކަމަށެވެ. އެ ގޮތުން ރޭގައި ދެއްކި ވާހަކައިގައި "ދައުލަތް މާނަ ކޮށްފައިވަނީ "ސަރުކާރަށް" ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބައެއް ޚަބަރުތަކުގައި އިބާރާތް ކުރެވިފައި ހުރި ގޮތުން، ބައެއް ބޭފުޅުން 'ދައުލަތް' މާނަ ކުރިގޮތާ މެދު ސުވާލު ކުރާތީ ސާފުކޮށްލަދެން. ދައުލަތްކަމަށް އަޅުގަނޑު ބުނެފައި އެވަނީ ކޯޓުގައި ވަކާލާތުކުރަނީ 'ދައުލަތުގެ ވަކީލުން' ކަމަށްވީމަ އެވާހަކަ. ސަރުކާރެއް ނޫން" މަޙްލޫފް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މަޙްލޫފް ވިދާޅުވީ، ރޭގައި އެމަނިކުފާނު ވިދާޅުވީ އެއްވެސް ހެއްކެއް ނެތި ދައުވާ ކޮށްފިނަމަ މިދައްކާ ވާހަކަތަކުގެ ހަގީގަތް ކޯޓުން ފަޅައިއަރައި (ތަހުގީގަށް ނުފޫޒުފޯރުވި ފަރާތްތަކުގެ އަމަލު) "އޮރިޔާން" ވާނެ ވާހަކަ ކަމަށާއި "އޮރިޔާން ކުރާނެކަމަށް" ވިދާޅު ނުވާ ކަމަށެވެ.
ޗެޓްލޮގާއި ދެންހުރި ލިޔެކިއުންތަކަކީ ވެސް އެމަނިކުފާނުގެ މައްސަލަ ވަކިގޮތަކަށް ގެންދަން ދައްކާފައި ހުރި ވާހަކައާއި ކޮށްފައި ހުރި ކަންކަން ކަމަށް ރޭގައި ވެސް އެވާހަކަ ވިދާޅުވި ކަމަށް މަޙްލޫފް ވިދާޅުވިއެވެ.







ކޮމެންޓް