ޚަބަރު

އިތުރު ހަތަރު ރަށެއް މޮނީޓަރިންއަށް ލައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ބ. އޭދަފުށި/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ

ކޮވިޑް-19 ފެތުރުމާ ގުޅިގެން އިތުރު ހަތަރު ރަށެއް މޮނީޓަރިންއަށް ލައިފިއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި މިއަދު މޮނީޓަރިންއަށް ލައިފައި ވަނީ ހދ. މަކުނުދޫ، ބ. އޭދަފުށި، ބ. ކަމަދޫ އަދި އދ. ހަންޏާމީދޫއެވެ.

އޭދަފުށި ކައުންސިލް ރައީސް މުޙައްމަދު ފާތިޙް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސިވެފައި ވަނީ ހަތަރު އާއިލާއެއްގެ ބައެއް ކަމަށާއި އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

"އަލާމާތްތަކެއް ފެނިގެން ފްލޫ ކްލިނިކަށް ގޮސް ސުންކު ނެގި ވޭދަނަތަކެއް އެއީ. އެ ބޭފުޅުން މިހާރު ވަނީ ހޯމް ކަރަންޓީނަށް ލައިފައި، އަދި ރޭންޑަމް ސާމްޕަލް ނެގުމާއި އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން" ފާތިހް ވިދާޅުވިއެވެ.

ފާތިޙް އިތުރަށް ވިދާޅުވީ، ބަލި ކޮންޓްރޯލު ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މި ފަހަރު ކެފޭ، ހޮޓާ، ރެސްޓޯރަންޓު ފަދަ ތަންތަން އަދި ބަންދު ނުކުރާނެ ކަމަށާއި އެހެން ނަމަވެސް ގައިޑްލައިންތަކާ އެއްގޮތަށް ކުރިއަށް ގެންދަން ބާރުއަޅާނެ ކަމަށެވެ.

ކަމަދޫ މޮނީޓަރިންގަށް ލުމާ ގުޅިގެން "ދެން"އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލު ރައީސް ޙަސަން ޒަރީރު ވިދާޅުވީ، އެ ރަށުން ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި ސްކޫލް ދަރިވަރެއް ކަމަށެވެ. އެ ކުއްޖާއާ އެއްތާވި މީހުން ދެނެގަތުމަށް ސިއްޙީ މަރުކަޒުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

"ރޭންޑަމް ސާމްޕަލް މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ވަނީ މުޅި ރަށުގައި ނަގަން ފަށައިފައި. މިއީ ގެސްޓްހައުސް ހިންގާ ރަށެއް ވީމަ އެ އުސޫލުގެ ދަށުން ޗުއްޓީ ނިމުނީމަ ރޭންޑަމް ސާމްޕަލް ނަގަން ފެށީ. މިހާރު ވެސް ކުރިއަށް ދަނީ." ކަމަދޫ ކައުންސިލު ރައީސް އިތުރަށް ވިދާޅުވިއެވެ.

ހަންޏާމީދޫ މޮނީޓަރިންއަށް ލައިފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަރާތުން އަދި އެ ރަށަށް އަންގައިފައި ނުވާ ކަމަށް "ދެން"އަށް މައުލޫމާތު ދެއްވަމުން އެރަށު އިންފޮމޭޝަން އޮފިސަރ ޖަމްޝާދު މަޙްމޫދް ވިދާޅުވިއެވެ. ނަމަވެސް އެ ރަށުން ފައްސިވެފައި ވަނީ ނައްސި ޕީސީއާރް ނަތީޖާއަކާ އެކު މާލެއިން އެ ރަށަށް ދިޔަ ކުއްޖަކު ކަމަށް އިއްޔެ ހަންޏާމީދޫ ކައުންސިލުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ، ފައްސިވެފައި ވަނީ ސްކޫލް ކުއްޖެއް ކަމަށާއި އެ ކުއްޖާއާ އެއްތާވި މީހުން މިހާރު ހޯދަމުންދާ ކަމަށެވެ.

"ފްލޫ ކްލިނިކަށް ދެއްކި ފަރާތެއް އެއީ. އިއްޔެ ދެއްކީ" އައުޒަމް ވިދާޅުވިއެވެ.

އައުޒަމް އިތުރަށް ވިދާޅުވީ، ފައްސިވީ އެ ވޭދަނައާ ގުޅިގެން ރަށު ތެރޭގައި ވަކި ތަރުތީބެއް ނެތި ސުންކު ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!