Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ރިޕޯޓް

އަފްގާނިސްތާނުގެ ތާރީޚް: ދާޚިލީ ހަނގުރާމައާއި ދަރިވަރުންގެ ތެރެއިން އުފެދިގެން އައި ތާލިބާނުން!

އަފްގާނިސްތާނުގެ ތާރީޚް: ދާޚިލީ ހަނގުރާމައާއި ދަރިވަރުންގެ ތެރެއިން އުފެދިގެން އައި ތާލިބާނުން!
މުޅި ދުނިޔޭގެ ނަޒަރު މިއަދު ހުއްޓިފައި މި ވަނީ އެއް ދިމާލަކަށެވެ. އަފްގާނިސްތާނުގެ ސަރުކާރުން ތާލިބާނުންގެ މައްޗަށް އަމާންދީ، އެ ޤައުމުގައި ތާލިބާނުންގެ ސަރުކާރެއް އެކުލަވައިލި ޚަބަރަށެވެ. އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފައިވާ ތާލިބާނުންނަކީ މީގެ ކުރިން އެ ޤައުމުގައި ހައަހަރުގެ ވެރިކަމެއް ކޮށްފައިވާ ބައެވެ. ތާލިބާނުންގެ ވާހަކަ އެންމެ ފުރިހަމައަށް އެނގޭނީ އަފްގާނިސްތާނުގެ ތާރީޚަށް ނަޒަރު ހިންގައިލުމުންނެވެ. އަފްގާނިސްތާނަކީ "ގްރޭވްޔާޑް އޮފް އެމްޕަޔަރސް"ގެ ނަމުން މަޝްހޫރުވި ސަރަހައްދެކެވެ. އެއީ އެ ސަރަަހައްދުގެ ކޮންޓްރޯލް ދުނިޔޭގައި ރަސްކަން ކުރި ޚަލީފާއިންނަށް ހޯދިފައި ނުވާތީއެވެ. ވަށައިގެންވާ ފަރުބަދަތަކުގެ އެހީގައި އަފްގާނިސްތާނުން ދިޔައީ އަބަދުވެސް ބޭރުގެ ބާރުތަކުން ދެމުން އައި ހަމަލާތައް ދިފާއު ކުރަމުންނެވެ. އަފްގާނިސްތާނުގެ އެހެން ޤައުމުތަކުގެ ޝިކާރައަކަށް ވެގެން ދިޔައީ، އަފްގާނިސްތާނުގެ ރައީސް އަދި ބޮޑުވަޒީރު ކަމަށް އައި މުޙައްމަދު ދާވޫދް ޚާންގެ ވެރިކަން ވައްޓައިލާން ކުރި މަސައްކަތުގެ ތެރެއިންނެވެ.

ކޮމިއުނިސްޓް ސަރުކާރެއް - އިސްލާމީ އުސޫލުތަކާ ދުރަށް

1978 ވަނަ އަހަރު އޮތް ސަރުކާރު ބަޣާވާތަކުން ވައްޓައިލައި، ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ އޮފް އަފްގާނިސްތާނުން ވެރިކަމާ ހަވާލުވިއެވެ. ސަވަރ ރިވޮލޫޝަންގެ ނަމުގައި އޭރު އުފެދުނު ވިސްނުމެއްގެ ތެރެއިން ގޮސް އަފްގާނިސްތާނުގެ ވެރިކަން ބަދަލުކޮށް އެޤައުމުގައި ކޮމިއުނިސްޓް ސަރުކާރެއް އެކުލަވައިލިއެވެ. މިއީ ސޯވިއަޓުންގެ އެހީތެރިކަމާ އެކު އެ ޤައުމުގައި އެކުލަވައިލި ސަރުކާރެކެވެ. [caption id="attachment_109604" align="alignnone" width="600"] އަފްގާންގެ ފުރަތަމަ ރައީސް ދާވޫދް ޚާން[/caption] ހާފިޒުﷲ އަމީން އިސްކޮށް ހުންނަވައި އެކުލަވައިލި ސަރުކާރުން އަފްގާނިސްތާނުގައި އޭރު ކުރަމުން އައި އިސްލާމީ ވެރިކަމުގެ ނިޒާމު މުޅިން ބަދަލުކޮށްލަން މަސައްކަތް ކުރިއެވެ. އަދި ބޮޑެތި އަދަދުން ޓެކްސް ނަގަން ފަށައި ކާފިއު އިއުލާން ކުރުމާއި ބޭރު ޤައުމުތަކަށް ދިއުން މަނާ ކުރިއެވެ. ހާފިޒުﷲ އަމީންގެ ބޮޑު ވަޒީރުކަމުގައި އޭރު ޤައުމު ހިންގަވަމުން ދިޔައިރު، ޤައުމުގެ ރައީސްކަމުގައި ހުންނެވީ ނޫރް މުޙައްމަދު ތަރާކީއެވެ. ރައީސް ނޫރް މުޙައްމަދު ތަރާކީ ކޮމިއުނިސްޓް ސަރުކާރުން އަމަލު ކުރަމުން ދިޔަ ގޮތާ ދެކޮޅުވެ، ސަރުކާރާ އިދިކޮޅު ހަރަކާތެއް ސިއްރިއްޔާތުގައި ފެއްޓެވިއެވެ. އަދި އެކަމަށް ފަންޑު ކުރިއެވެ. މިކަން ބޮޑު ވަޒީރު ހާފިޒުﷲ އަމީނަށް އެނގިވަޑައިގެން ރައީސް ނޫރް މުޙައްމަދު ތަރާކީ ޝަހީދުކޮށްލެވުނެވެ. އަދި ރައީސްކަމާއި ބޮޑު ވަޒީރު ކަމާ ވެސް އޭނާ ހަވާލުވިއެވެ. މިއާއެކު އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ސީދާ ހަރަކާތަށް ނިކުތެވެ. 1979ވަނަ އަހަރު އޭޕްރީލް މަހުގައި އަފްގާނިސްތާނުގެ އާއްމު ހާލަތު ވަރަށް ގޯސްވިއެވެ. ޑޮކްޓަރުންނާއި ޓީޗަރުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުން ހިމެނޭހެން ހުރިހާ އެންމެން ކޮމިއުނިސްޓް ސަރުކާރާ ދެކޮޅަށް ނުކުތެވެ. އެކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ސޯވިއަޓް ޔޫނިއަންގެ ބާރުތައް، ހަތިޔާރާއެކު އަފްގާނިސްތާނަށް އެރުމެވެ.

ސޯވިއަޓުން ބާލުވަން އެމެރިކާގެ އެހީތެރިކަން މުޖާހިދީންނަށް

ސޯވިއަޓް ޔޫނިއަންއިން އަފްގާނިސްތާނަށް އެރުމާ އެކު އަފްގާނިސްތާނު އެމެރިކާގެ ރާޑަރަށް އެރިއެވެ. ސޯވިއަޓް ޔޫނިއަންއާ އެކު އޮތް ވާދަވެރިކަމުގައި އަފްގާނިސްތާނުން ސޯވިއަޓުން ބާލުވަން އެމެރިކާއިން ޚާއްސަ އޮޕަރޭޝަނެއް ފެށިއެވެ. އެއީ އަފްގާނިސްތާނުގެ ސަރުކާރާ ދެކޮޅަށް އުފެދުނު ގްރޫޕްތައް އެކަތި ގަނޑަކަށް ހަދައި ސަރުކާރު ވައްޓައިލުމަށް އެހީތެރިވުމެވެ. އަފްގާނިސްތާނުގެ ސަރުކާރާ ދެކޮޅަށް އޭރު އެންމެ އެކްޓިވްކޮށް މަސައްކަތް ކުރީ މުޖާހިދީން ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ. މި އޮޕަރޭޝަންގެ ދަށުން ސޯވިއަޓް ޔޫނިއަންގެ އަސްކަރިއްޔާއާ ހަނގުރާމަ ކުރުމަށް ބަރު ހަތިޔާރާއި ފައިސާ އެމެރިކާއާއި އެމެރިކާއަށް ވާގިދޭ ފަރާތްތަކުން މުޖާހިދީންނަށް ފޯރުކޮށްދިނެވެ. އަދި ސޯވިއަޓުން ކުރަމުން އައި ހަނގުރާމައަކީ މުސްލިމުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއްކަން އިސްލާމީ ޤައުމުތަކުން އިއުލާންކޮށް އެ ހަނގުރާމައަކީ މުސްލިމުން ކުރަން ޖެހޭ ޖިހާދެއް ކަމަށް ނިންމިއެވެ. އެގޮތަށް ނިންމި ޤައުމުތަކުގެ ތެރޭގައި ސަޢުދީ އަރަބިއްޔާއާއި ޕާކިސްތާނު ފަދަ އިސްލާމީ ޤައުމުތައް ހިމެނެއެވެ. މިއާ އެކު އެކި ޤައުމުތަކުން ސޯވިއަޓުންނާ ދެކޮޅަށް ޖިހާދުވުމަށް ގިނަ ބަޔަކު ހަނގުރާމައާ ގުޅުނެވެ. ނުވަ އަހަރަށް ދެމިގެން ދިޔަ މި ހަނގުރާމައިގައި ސޯވިއަޓުން ބަލިވެ، 1988ވަނަ އަހަރު މުޖާހިދީންނަށް ނަޞްރު ލިބުނެވެ. އަދި ސޯވިއަޓުން ބަލި ޤަބޫލުކޮށް އެ ޤައުމުން ފައިބަން ފެށިއެވެ. ސޯވިއަޓުންގެ ރަތް ލަސްކަރުގެ އެންމެ ފަހުގެ ސިފައިން އެޤައުމުން ފައިބައިފައި ވަނީ 1989ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. [caption id="attachment_109601" align="alignnone" width="440"] ސޮވިއަޓުން މުޖާހިދީންނާ ހަނގުރާމަ ކުރީ އެންމެ އޭރު ލިބެން ހުރި އެންމެ ފަހުގެ ހަތިޔާރާއެކު[/caption] ސޯވިއަޓް ޔޫނިއަންގެ ކިބައިން އަފްގާނިސްތާނު މިންޖުވި ނަމަވެސް އޭރު އޮތީ މާބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ މުޖާހިދީންގެ ސަފުތައް ބައިބައިވެފައިވުމެވެ. 1992ވަނަ އަހަރާ ހަމައަށް އައިއިރު، މުޅި އަފްގާނިސްތާނު ވަނީ އެތެރޭގެ ހަނގުރާމައިގެ މައިދާނަަކަށް ވެފައެވެ. އެމެރިކާއިން ދިން ބަރު ހަތިޔާރާއި ޓޭންކަރުތަކާއެކު މުޖާހިދީންގެ ކޮމާންޑަރުން އެއްބަޔަކު އަނެއް ބަޔަކަށް ހަނގުރާމަ ކުރަމުން ދިޔައެވެ. ތާލިބާނުން އުފަންވީ އެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އުންމީދާއެކުގައެވެ.

ދަރިވަރުން ހަނގުރާމައަށް

ތާލިބާނުންނަކީ 1994ވަނަ އަހަރު އޭރު ޤައުމުގައި އޮތް ކޮރަޕްޝަނާއި ދާޚިލީ ހަނގުރާމަ ނިންމުމަށް އިސްކޮށް ނިކުތް ޖަމާއަތެކެވެ. އެއީ ޕާކިސްތާނުގެ މަދަރުސާތަކުން ދީނީ ޢިލްމު އުނގެނިގެން ތިބި އަފްގާނިސްތާނުގެ ދަރިވަރުންތަކެވެ. ތާލިބާންއަކީ އަރަބި ބަހެކެވެ. އެ ބަހުގެ މާނައަކީ "ދަރިވަރުން"ނެވެ. ތާލިބާނުންނަށް އޭރު އަފްގާނިސްތާނުގެ ރައްޔިތުން ވަނީ ރުހުން ދީފައެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އެއްވެސް ހަނގުރާމައަކާ ނުލާ އަފްގާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަންދަހާރް ތާލިބާނުންގެ ބާރުގެ ދަށަށް އެ އަހަރު ގެނައެވެ. އެއާއެކު ތާލިބާނުންގެ ބާރު އަފްގާނިސްތާނަށް ގަދަވާން ފެށިއެވެ. ދާޚިލީ ހަނގުރާމައިގެ ސަބަބުން ގޮތް ހުސްވެފައި ތިބި އަފްފާނުގެ ރައްޔިތުންނަށް ތާލިބާނުން އުންމީދު ދިނެވެ. އަދި ކޮރަޕްޝަނާއި ފަސާދައާ ދެކޮޅު ވެރިކަމެއް ކޮށްދޭނެކަމުގެ ވަޢުދާ އެކު ތާލިބާނުންގެ ބާރުގެ ދަށަށް ފަހަރަކު ޕްރޮވިންސެއް ގެންނަމުން ދިޔައެވެ. 1996ވަނަ އަހަރު ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފިއެވެ. އޭރު ރައީސް ބުރްހަނުއްދީން ރައްބާނީ ގައުމު ދޫކޮށް ވަޑައިގެންފިއެވެ. އަފްގާނިސްތާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ބަދަލެއްގެ ގޮތުން ކާބުލް ސްކޮއަރގައި ކޮމިއުނިސްޓް ވެރިކަމުގެ އެންމެ ފަހުގެ ރައީސް ނަޖީބުﷲ އަޙްމަދު ޒާއީ ދަން ޖައްސައި މަރައިލިއެވެ. އެއާއެކު އަފްގާނިސްތާނުގައި ތާލިބާނުންގެ ވެރިކަމެއް ފެށުނެވެ. ތާލިބާނުންގެ ވެރިކަން އޭރު ބަލައިގަތީ، ސަޢުދީ އަރައްބިއްޔާއާއި ޕާކިސްތާނުގެ އިތުރުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިންނެވެ. ނޯޓް: އަފްގާނިސްތާނުގެ ތާރީޚުން، ތާލިބާނުންގެ ވެރިކަން ވެއްޓުނު ގޮތާއި އެމެރިކާގެ ސިފައިން އަފްގާނުގައި ތިބޭ ތިބުމާއި ބެހޭ ގޮތުން މާދަމާގެ ވަގުތެއްގައި ލިޔުމެއް ޝާއިޢު ކުރެވޭނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް