Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ރިޕޯޓް

އަފްގާންގެ ތާރީޚް: ތާލިބާނުންގެ ހަރުކަށި ވެރިކަމާއި އެމެރިކާއިން އަފްގާނިސްތާން އިސްތިޢުމާރު ކުރުން!

އަފްގާންގެ ތާރީޚް: ތާލިބާނުންގެ ހަރުކަށި ވެރިކަމާއި އެމެރިކާއިން އަފްގާނިސްތާން އިސްތިޢުމާރު ކުރުން!

ކޮރަޕްޝަން ނައްތައިލާނެ ކަމުގެ ހުވަޔާ އެކު އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވި ތާލިބާނުން ވުޖޫދު ވެގެން ދިޔަ ގޮތް މީގެ ކުރިން ލިޔުމެއްގައި ވާނީ ގެނެސްދީފައެވެ. 50 ދަރިވަރުންގެ ޓީމަކުން ފެށި މި ޖަމާއަތް ވަރުގަވެ، އެ ޤައުމުގައި ހަ އަހަރު ދުވަހުގެ ވެރިކަމެއް ވަނީ ކޮށްފައެވެ.

https://twitter.com/dhenonline/status/1427315468562427905?s=21 މިފަހަރުގެ ލިޔުން މި ޚާއްސަކޮށްލަނީ ތާލިބާނުންގެ ވެރިކަން ނިމުނު ގޮތާއި އެމެރިކާގެ ސިފައިން އަފްގާނިސްތާނުގައި ތިބި ތިބުމުގެ މައްޗަށެވެ.

ހަ އަހަރުގެ ވެރިކަން - އިސްލާމީ ޝަރީޢާގެ ނަމުގައި ހަރުކަށި ދައުލަތެއް

އަފްގާނިސްތާނުގައި ތާލިބާނުންގެ ވެރިކަން ފެށީ ދަން ޖެއްސުމަކުންނެވެ. އެއީ ކޮމިއުނިސްޓްވެރިކަމުގެ އެންމެ ފަހުގެ ރައީސް ނަޖީބުﷲ އަޙްމަދު ޒާއީއެވެ. އޭނާ ދަން ޖައްސައި މަރައިލީ، އޭނާގެ ސަބަބުން އަފްގާނިސްތާނުގެ އެތައް ފުރާނައެއް ގޮސްފައިވާތީއާއި ބޭރުގެ ބަޔަކާ ގުޅިގެން ޤައުމަށް ޣައްދާރުވެފައިވާތީއެވެ. ތާލިބާނުން އަފްގާނިސްތާނާ ހަވާލުވީ ޤައުމު ވަރަށް ހަލަބޮލިވެފައި ވަނިކޮށެވެ. ދާޚިލީ ހަނގުރާމައެއް ޤައުމުގައި ހިނގަނިކޮށް ތާލިބާނުން ވަނީ 1998ވަނަ އަހަރާ ހަމައަށް އަފްގާނިސްތާނުގެ 90 އިންސައްތަ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަފްގާނިސްތާނުގައި ތާލިބާނުންގެ ވެރިކަން ޤާއިމް ކުރުމުން އަފްގާނިސްތާނުގެ ނަން އިސްލާމިކް އެމިރޭޓްސް އޮފް އަފްގާނިސްތާނަށް ބަދަލު ކުރެވުނެވެ. އަދި ރަތް، ފެހި، ކަޅު ކުލައިގެ ދިދަ ހުނދު އަދި ކަޅު ކުލައިގެ ދިދައަކަށް ބަދަލު ކުރެވުނެވެ. ދާޚިލީ ހަނގުރާމަ ކުރިޔަށްދާތީ ސަލާމަތްތެރިކަމުގެ ފިޔަވަޅުތަކެއް އޭރު އަޅަން ތާލިބާނުން ނިންމިއެވެ. އަދި އަންހެނުންނާއި ކުޑަކުދިން ބެލެނިވެރި ފިރިހެނަކާ އެކު ނޫނީ ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ހެދިއެވެ. ތާލިބާނުން އޭރު ބުނެފައި ވަނީ މިގޮތަށް ކަންތައް ކުރީ ހަނގުރާވެރިންގެ ޝިކާރައަކަށް އަންހެނުންނާއި ކުޑަ ކުދިން ހަދައިފާނެ ކަމުގެ ބިރަށް ޓަކައެވެ. އެހެން ނަމަވެސް ތާލިބާނުންގެ ބާރު ގަދަވެ، މުޖާހިދީން ކޮމާންޑަރުންނަށް ތަވާބީ ހަނގުރާމަވެރިން އެއްކޮށްހެން ބަލިވުމުން ވެސް އަފްގާނުގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއެއް ދީފައެއް ނުވެއެވެ. އަފްގާނިސްތާނުގައި އޭރު އެޅި ފިޔަވަޅުތަކަށް ބަލާއިރު، މިއުޒިކާއި ސިނަމާއާއި، ޓީވީ ފަދަ ތަކެތި މަނާ ކުރިއެވެ. އަދި އަންހެން ކުދިން މޫނު ބުރުގާ އަޅުވަން މަޖުބޫރުކޮށް، ފިރިހެނުން ތުނބުޅި ބެހެއްޓުން މަޖުބޫރު ކުރިއެވެ. އަދި މަގުމަތީގައި އެކަނި އަންހެނުންނަށް ނޫޅެވޭ ގޮތަށް ހަދައި، ޑޮކްޓަރުކަން ފިޔަވާ އެހެން ވަޒީފާތަކަށް ނިކުތުން އަންހެނުންނަށް މަނާ ކުރިއެވެ. އަދި އުމުރުން 10 އަހަރުން މަތީގެ އަންހެން ކުދިން ސްކޫލަށް ފޮނުވުން ވެސް މަނާ ކުރިއެވެ. އަދި ކޮތަރު ކޮށީގައި ގެންގުޅުން މަނާކޮށް އެ ގޮތަށް ކަންތައް ކުރާ މީހުންނަށް ވެސް ބޮޑެތި އަދަބު ދެވުނެވެ. އޭރު އަފްގާނިސްތާނުގެ ލީޑަރުކަން ކުރަމުން ދިޔައީ މުއްލާ އުމަރެވެ. އޭނާގެ ވެރިކަމުގެ ދަށުން ދީނީ ކަންކަމަށް އަހުލުވެރި ކުރުމަށް ނަމާދަށް ނުދާ މީހުން ދެނެގަތުމަށް ފަހު، އެމީހުން ހައްޔަރުކޮށް އުޅުނެވެ. އަދި ޖުވާ ކުޅުމާއި ރާ ބުއިމާއި ޒިނޭ ފަދަ ފާހިޝް ކަންތައްތައް ކުރާ މީހުންނަށް ބޮޑެތި އަދަބު ދެވުނެވެ. އިސްލާމީ ޝަރީއާގެ ޙުކުމްތައް އޭރު އަފްގާނިސްތާނުގައި އަމަލު ކުރަމުން ދިޔައެވެ. މިގޮތުން މަރަށް މަރު ހިފުމާއި، ވައްކަން ކުރާ މީހުންގެ އަތް ކެނޑުން ފަަދަ ކަންކަން ތަންފީޒު ކުރަން ފެށުމުގައި އެ ޤައުމުގައި ކުށް ކުރާ މީހުންގެ އަދަދު އިންތިހާއަށް މަދުވެގެން ދިޔައެވެ. ތާލިބާނުގެ ސަރުކާރުގައި ހިމެނޭ ވުޒާރާތަކުގެ އިސްވެރިންނަށް މުސާރައެއް ނުދެއެވެ. އެހެން ނަމަވެސް ނިދާނެތަކާއި އަންނައުނު އަދި ހަތިޔާރު ދެއެވެ. އަދި ހަނގުރާމައަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ދައުލަތުގެ އެންމެ އިސްވެރިޔާ ވެސް ހަނގުރާމައަށް ދާން ޖެއެވެ. އެމީހުން އޭރު ބުނީ ތާލިބާނުގައި ކުރަން ބޭނުންވަނީ ރަސޫލާ ޞ.ޢ.ވ ކުރެއްވި ފަދަ ވެރިކަމެކެވެ. އިސްލާމީ ޢިލްމު އުނގެނި ވަޑައިގެން ތިއްބެވި މީހުން ސަރުކާރު ހިންގަވަން ތިއްބެވި ނަމަވެސް އެމީހުން އިސްލާމީ ބައެއް ކަންތައްތައް މާނަ ކުރީ އަސްލު އޮންނަ ގޮތާ މުޅިން ޚިލާފަށެވެ.

މަޝްވަރާގެ މޭޒަށް ނައިސް އެމެރިކާ ސީދާ ހަނގުރާމައަށް

އަލް-ޤައިދާ ޖަމާއަތުން 2001 ވަނަ އަހަރު ސެޕްޓެންބަރު 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ނިރުބަވެރި ހަމަލާއާ އެކު އެމެރިކާއިން ޓެރެރިޒަމްއާ ދެކޮޅަށް މަސައްކަތްތަކެއް ފެށިއެވެ. މިގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެމެރިކާއިން ބެލީ އަލް-ޤައިދާ ޖަމާއަތާ ދެކޮޅަށް ނިކުތުމަށެވެ. 9/11 ހަމަލާއަށް ފަހު އަލް-ޤައިދާގެ އޭރުގެ ލީޑަރު އުސާމާ ބިންލާދިން ހިމާޔަތް ހޯދީ އަފްގާނިސްތާނުގައި ތާލިބާނުންގެ ކޮންޓްރޯލްގައި އޮންނަ ސަރަހައްދެއްގައެވެ. މިއާ އެކު އުސާމާ ބިންލާދިން އެމެރިކާގެ އަސްކަރިއްޔާ ހަވާލު ކުރަން އެމެރިކާއިން އަމުރު ކުރިއެވެ. ތާލިބާނުން ޖަވާބުގައި ބުނެފައި ވަނީ، މިކަމުގައި އުސާމާ ބިންލާދިންގެ އަތެއް ވާކަމުގެ ހެކި ދެއްކުމަށެވެ. އަދި ހެކި ދައްކައިފި ނަމަ އޭނާ ހަވާލު ކުރާނެ ކަމަށް ވެސް ތާލިބާނުން ބުންޏެވެ. އުސާމާ ބިންލާދިންއަކީ އަފްގާނިސްތާނުގައި ސޯވިއަޓް ޔޫނިއަން އިސްތިމާރު ކުރަމުން އައި ދުވަސްވަރު، އަފްގާނިސްތާނުގައި މުސްލިމުންގެ ދިފާއުގައި ހަނގުރާ ކުރި މީހެކެވެ. މިހެންކަމުން ހެއްކަކާ ނުލައި އުސާމާ ބިންލާދިން ހަވާލު ކުރަން ބޭނުން ނުވާ ކަމަށް ތާލިބާނުން ބުންޏެވެ. އަދި އެއް މޭޒެއްގެ ދަށަށް އައިސް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ތާލިބާނުން އެމެރިކާއަށް ދައުވަތު ދިނެވެ. އެހެން ނަމަވެސް 9/11 ހަމަލާގެ މޭސްތިރިން ހިފާ ހައްޔަރު ކުރުމުގައި ލަސްވާތީ، އޭރު އެމެރިކާގެ ވެރިކަމުގައި ހުރި ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމަށް ކުރިމަތިވަމުން ދިޔަ ޕްރެޝަރުތަކުގެ ސަބަބުން އެމެރިކާއިން ނިންމީ ހަތިޔާރާ އެކު އަފްގާނިސްތާނަށް އަރާ އުސާމާ ބިންލާދިން ހައްޔަރު ކުރާށެވެ.

އަފްގާނިސްތާނުގައި 20 އަހަރު - ލިބުނު ކުރިއެރުމެއް ނެތް

އެމެރިކާ އަދި އެމެރިކާއަށް ވާގިދޭ ޤައުމުތަކުން އަފްގާނިސްތާނަށް އަރާ ހަމަލާ ދޭން ފަށައިފައި ވަނީ، 7 އޮކްޓޯބަރުގައެވެ. ހަމަލާދޭން ފެށިތާ މަހެއް ދުވަސްތެރޭ ތާލިބާނުންގެ ސަރުކާރު ވައްޓައިލާ، ވެރިކަން ކުރާ ރަށުން ތާލިބާނުންގެ ލަޝްކަރުތައް ފައްސައިލިއެވެ. އެއަށް ފަހު އެމެރިކާގެ ބާރުވެރިކަމުގެ ދަށުގައި ވަގުތީ ސަރުކާރެއް އަފްގާނިސްތާނުގައި އުފެއްދިއެވެ. މި ވެރިކަމުގައި އިސްކޮށް ހުންނެވީ ހާމިދް ޚަރްޒައީއެވެ. ޑިސެންބަރު 2001ވަނަ އަހަރުގައި އަފްގާނިސްތާނުގައި އެމެރިކާގެ ވާގިވެރިކަމާ އެކު އައު ސަރުކާރެއް އުފެދުނެވެ. އަދި އޭގެ ތިން އަހަރު ފަހުން އެ ޤައުމުގައި ޤާނޫނު އަސާސީއެއް ފާސްކުރެވިގެން ދިޔައެވެ. އަދި 2003ވަނަ އަހަރު ބޭއްވި އިންތިޚާބަށް ފަހު ޚާމިރު ޚަރްޒާއީ އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވިއެވެ. އެމެރިކާއިން ތާލިބާނުންގެ ލަޝްކަރުތައް ފައްސައިލި ނަމަވެސް 2006ވަނަ އަހަރާ ހަމައަށް އައިރު އަނެއްކާ ވެސް ތާލިބާނުންގެ ބާރުވަނީ ގަދަވާން ފަށައިފައެވެ. މިގޮތުން ގިނަ މަގުތަކެއް ތާލިބާނުން ކޮންޓްރޯލްކޮށް، ބައެއް ކުދި އަވަށްތައް ވެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައެވެ. އެމެރިކާގެ ބާރާ އެކު އުފެއްދި ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އޮތެވެ. މިހެންކަމުން އަފްގާނިސްތާނުގެ އާއްމު ރައްޔިތުން އިންސާފު ހޯދުމަށް ޓަކައި ތާލިބާނުންގެ މަދަދު ހޯދިއެވެ. ނަތީޖާއެއްގެ ގޮތުން އަފްގާނިސްތާނުގައި ދައުލަތުގެ ތެރެއިން ދައުލަތެއް އުފެދި، ޕެރެލަލް ސްޓޭޓަކަށް ވެގެންދިޔައެވެ. ޝަރީއާގެ ޤާނޫނުތައް އަފްގާނިސްތާނުގެ ރައްޔިތުންނަށް ކަމުގޮސް، ތާލިބާނުން އެމީހުންގެ އަމިއްލަ ކޯޓުތަކާއި ހޮސްޕިޓަލުތަކާއި ސްކޫލުތައް އިމާރާތް ކުރިއެވެ. ޚާމިރު ޚަރްޒާއީ 5 އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ދެން ވެރިކަމާ ހަވާލުވެ ވަޑައިގަތީ އަޝްރަފް އަލް ޣަނީއެވެ. 2014ވަނަ އަހަރު އެ ޤައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އަޝްރަފް އަލް ޣަނީ މިހާރު ވަނީ ޤައުމުން ފިއްލަވައިފައެވެ. 2013ވަނަ އަހަރާ ހަމައަށް ތާލިބާން ހިންގީ މުއްލާ އުމަރެވެ. މުއްލާ އުމަރު މަރުވިކަން ދުނިޔެއަށް އެނގިގެން ދިޔައީ 2015ވަނަ އަހަރު ޕާކިސްތާނު މެދުވެރިޔަކަށް އޮވެ، ތާލިބާނުންނާއި އަފްގާނިސްތާނުގެ ސަރުކާރާ ދެމެދުގައި ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ. އެފަހަރު މުއްލާ އުމަރު މަރުވިކަން ހާމަވުމާ އެކު މަޝްވަރާ ހުއްޓުނެވެ. މުއްލާ އުމަރު އަވަހާރަވީ އާލާސްކަންފުޅެއް ޖެހިވަޑައިގެން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ތާލިބާނުންނާއި އެމެރިކާގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 40,000 އާއްމުން މަރުވެފައެވެ. 64,000 އަފްގާނިސްތާނުގެ މިލިޓަރީ މީހުންނާއި 3,500 ބޭރު ޤައުމުތަކުގެ ސިފައިން ވަނީ މަރުވެފައެވެ. އަދި އެމެރިކާއިން އަފްގާނިސްތާނުގެ ހަނގުރާމައަށް 1 ޓްރިލިއަންއަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް