ތާލިބާނުންނާ އެއް ފުރާޅެއްގެ ދަށަށް ދުވަހަކު ވެސް ނުދާނަން: އަމްރުﷲ

ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާން މިހާރު ގެެނެސްފައިވީ ނަމަވެސް، އެމީހުންނަށް ކިޔަމަން ނުވާނެކަމަށް އަފްގާނުގެ ކުރީގެ ނައިބު ރައީސް އަމްރުﷲ ޞާލިހް ވިދާޅުވެއްޖެއެވެ.
އަފްގާނިސްތާނުގެ ސަރުކާރު ބަލިކޮށް ތާލިބާނުން ވަނީ ދެ ހަފްތާ ތެރޭގައި އެ ޤައުމު ހިފައިފައެވެ. މިދިޔަ އާދީއްތަ ދުވަހު ތާލިބާނުންގެ ބާރުގެ ދަށަށް އެ ޤައުމު ގެނައުމާ އެކު، ރައީސް އަޝްރަފް ޣަނީއާއި ނައިބު ރައީސް ވެސް ވަނީ ޤައުމު ދޫކޮށް ގޮސްފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އަމްރުﷲ މިހާރު ހުންނެވީ އަފްގާނިސްތާނުގެ ޕަންޖްޝީރްގައެވެ.
"އަހަރެންގެ ބަސް ޤަބޫލު ކުރި އެކަކަށް ވެސް މާޔޫސްކަމެއް ނުދޭނަން. ތާލިބާނުންނަށް ދުވަހަކު ވެސް ބޯ ނުލަނބާނަން، އެމީހުންނާ އެކު އެއް ފުރާޅެއްގެ ދަށަކު ވެސް ދުވަހަކު ވެސް ނުހުންނާނަން" އަމްރުﷲ ވިދާޅުވިއެވެ.
ބައެއް ރިޕޯޓުތަކުން ބުނާގޮތުގައި، ތާލިބާނުންގެ އަތް ދަށުން އަފްގާނިސްތާނު އަތުލުމަށް ކުރީގެ ނައިބު ރައީސް އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ޖަމިއްޔާއިން މިދިޔަ އާދީއްތަ ދުވަހު ކާބުލް ވަށައިލުމާ އެކު، ބާރުތައް ބަދަލު ކުރުމަށް މަޝްވަރާ ކުރެވެމުން ދިޔައެވެ. އެ ޤައުމުގެ ރައީސް ޣާނީ ފިއްލެވީ ވެސް އެރޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.