ޖާބިރު މަސްތުވެގެން ހުރިތޯ ޓެސްޓުކުރަން ގޮވައިލަން: ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ހޭބުއްދި ސަލާމަތުން ހުރިތޯ އަދި ބަނގުއާވިން މަސްތުވެގެން ހުރިތޯ ޓެސްޓުކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިސް ތަރުޖަމާން އަލީ ޞާލިޙް ގޮވާލައްވައިފިއެވެ.
ޖާބިރު ހޭބުއްދި ސަލާމަތުން ހުރިތޯ އަދި ބަނގުއާވިން މަސްތުވެގެން ހުރިތޯ ޓެސްޓުކުރަން މިއަދު ޖޭޕީގެ ތަރުޖަމާނު ގޮވާލައްވާފައި މިވަނީ، މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މެދުވެރިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ފަސް މިލިއަން ރުފިޔާ ދިން ކަމަށާއި އެ ފައިސާއަށް ހިޔާނާތްތެރިވެ ޝަރުތުތަކާ ހިލާފުވުމުން ފުލުހަށް މައްސަލަ ހުށަހަޅުއްވައިފައިވާ ކަމަށް ޖާބިރު ވިދާޅުވުމާ ގުޅިގެންނެވެ.
ޖާބިރު ކޮށްފައިވާ އެ ތުހުމަތުތައް ގާސިމް ދޮގު ކުރައްވައިފައިވާކަން ހާމަ ކުރައްވަމުން އަލީ ޞާލިޙް ވިދާޅުވީ ފަހަކަށް އައިސް ޖާބިރު ހިންގަމުންދާ އަމަލުތަކާއި، މިހާރުވެސް ހިންގާ އަމަލުތަކަކީ މިހާރު މިގައުމުގައި ޖޯކަކަށް ވެފައިވާ ކަންތައްތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުން އަލީ ޞާލިޙް ނެންގެވީ މިފަހުން މަޖިލިސް ދޮރުމަތީގައި އިހްތިޖާޖު ކުރެއްވުމާއި، މަޖިލީހުގެ އެތެރޭގައި ކަންތައްތައް ކުރައްވާފައިވާ ގޮތްތަކެވެ.