ޚަބަރު

އާރްޑީސީ ފަޅައިލުމާއި ސިޔާސީ ބަޔަކާ ގުޅުމެއް ނެތް: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅައިލައި އެ ތަނުން ވައްކަން ކުރި މައްސަލައާ، ސިޔާސީ އެއްވެސް ބަޔަކާ ގުޅުމެއް ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފުލުހުން މިއަދު މިހެން ވިދާޅުވީ މި މަހުގެ 16ވީ ހޯމަ ދުވަހު ހެނދުނު އާރްޑީސީގެ އޮފީސް ފަޅައިލި ހާދިސާއާ ގުޅިގެން، އެތަނަށް ގެއްލުންދީ ވައްކަން ކުރަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ތުހުމަތު ކުރައްވާފައި ވާތީ މީޑިއާއިން ސުވާލު ކުރުމުންނެވެ.

އެގޮތުން މޫކޭ ވިދާޅުވެފައި ވަނީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑު އޮންނަ މީހުން ބޭނުން ކޮށްގެން، އިދިކޮޅު ފަރާތްތަކުން ކަމަށެވެ.

މޫކޭގެ ތުހުމަތުތައް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކަކީ އެއްވެސް އިރަކު ތަންތަނުގައި ހުޅުޖަހައި، ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ބައެއް ނޫން ކަމަށާއި އިދިކޮޅު ކޯލިޝަނުން އެ ކަމަށް ހިތްވަރުދީ، ތާއީދެއް ވެސް ނުކުރާނެ ކަމަށެވެ.

މަގުތައް ހެދުމަށް މި ސަރުކާރުން އުފައްދައިފައިވާ ކުންފުނީގެ އޮފީހުން މި އަހަރުގެ ތެރޭގައި ތިން ފަހަރަށް ވައްކަންކޮށްފައި ވެއެވެ. އެކަމާ ގުޅިގެން، އާރުޑީސީއަށް އާއްމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!